މާލޭ ވިޔަފާރި ބަނދަރު 2027 ގައި ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭ: ވަޖީހު

މާލޭ ވިޔަފާރި ބަނދަރު 2027 ގައި ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭ: ވަޖީހު

މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އެމްޕީއެލްގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ކަމަށެވެ. އެ ގޮތުން ވަށާޖެހޭ ގޮތަށް ރާއްޖޭގެ އިގުތިސާދު ބައްޓަން ކުރުމުގައި މެރިޓައިމް ދާއިރާއިން ކުރެވެން ހުރި ކަންކަން އެމްޕީއެލް އިން ކުރަމުންދާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ﷲ ގެ ވާގިފުޅާއެކު މާލޭ ކޮމާޝަލް ހާބަރުގެ އެއޮއް ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރާނަން. ﷲގެ ވާގިފުޅާއެކު މަސައްކަތް ރޭވިފައިވާ ގޮތަށްދާނަމަ 2027 ވަނަ އަހަރު ނިންމާނީ މި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ތިލަފުށީގައި މަސައްކަތް ކުރަމުން،" ވަޖީހު ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީ ޕޯޓާއި އައްޑޫ ސިޓީގައި ޕޯޓެއް އޮތް ނަމަވެސް އެތަންތަން ހިންގަނީ ގެއްލުމުގައި ކަމަށް ވަޖީހު ވިދާޅުވި އެވެ. އޭނާ ވަނީ އައްޑޫ ސިޓީ ޕޯޓަކީ ފައިދާވާ ތަނަކަށް ހެދުމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

އެ ގޮތުން އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"މި ވިސްނުން މިއައީ. ދުނިޔޭގެ މިކަމާބެހޭ ބޮޑު ޖަމިއްޔާއަކުން ކުރި ދިރާސާއަކުން ދައްކަނީ މި އޭޝިއާ ބައްރުގައިވެސް މި ހިސާބުގައިވެސް އިންޓަނޭޝަނަލް ފިޝް ހަބެއް ހިންގަން އެންމެ މުހިންމު އޭރިއާއަކީ އައްޑޫ ހިތަދޫ އޭރިއާއޭ،" ވަޖީހު ވިދާޅުވި އެވެ.

ރާއްޖެއަކީ މަސްވެރިކަމުގެ ގައުމެއް ނަމަވެސް ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ސީފުޑް ގެންނަނީ ބޭރުންކަން ވަޖީހު ފާހަގަކުރެއްވި އެވެ.

އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމުގެ ވިސްނުން އައީ، ކަމާގުޅޭ ދުނިޔޭގެ ބޮޑު ޖަމިއްޔާގެ ދިރާސާއެއްގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *