ސިޔާސީ ޕާޓީއަކަށް ވަގު ފޯމު ފުރައިންދިން މައްސަލައެއްގައި ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން އެހެން މީހެއްގެ ނަމުގައި ވަގު ސޮޔަކާއި ފިންގާ ޕްރިންޓެއް ޖަހައިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވަގު ފޯމު ހުށަހެޅި މައްސަލައިގައި އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދި ކަމުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ނ. ވެލިދޫ މީހެއްގެ މައްޗަށެވެ. އެ މީހާ އީސީއަށް ވަގު ފޯމު ހުށަހަޅައިފައިވަނީ 2020 ޖެނުއަރީ ގަ އެވެ.
މިއީ އޮޅުވާލައިގެން މީހަކު ޕާޓީއަކަށް ވެއްދި މައްސަލާގައި ޖިނާއީ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ. ދައުވާލިބޭ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދެމުން މައްސަލައިގައި ޕާޓީއަށް ރަޖިސްޓްރީވި މީހާ ވަނީ އޭނާ އެއްވެސް ޕާޓީއެއްގައި ރަޖިސްޓާ ވުމަށް އެދި އީސީއަށް ފޯމެއް ހުށަހަޅައިފައިނުވާނެ ކަމަށާއި އޭނާގެ ނަމުގައި ފުރާފައިވާ ފޯމަކީ އޭނާ އަމިއްލައަށް ފުރި ފޯމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އިތުރަށް ބުނީ ވަގު ފޯމު ހުށަހެޅި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހާއަކީ ދަންނަ މީހެއް ނޫން ކަމަށެވެ.
ވަގު ފޯމު ހުށަގެޅި މައްސަލަ ތަހީގުގުކުރި ފުލުހުންގެ އޮފިސަރަކު ހެކިބަސް ދެމުން ބުނީ އީސީއަށް ހުށަހެޅި ފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ދެ މީހުންނާ ސުވާލުކޮށްފައިވާނެ ކަމަށެވެ. އެ ތަހުގީގުގައި އޭގެ ތެރެއިން އެކަކު ބުނެފައިވަނީ ފޯމުގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށާއި އޭގެ ކުރިން އެ ފޯމް ފެނިފައިނުވާ ކަމަށެވެ.
އިތުރު ހެކިވެރިއަކު ހެކިބަސް ދެމުން ބުނީ އޭނާ ޖުމްހޫރީ ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތުގައި އުޅެފައިވާނެ ކަމަށާއި އެގޮތުން ފޯމުތަކުގައި ހެކިންގެ ބައިގައި ސޮއިކޮށްފައި ހުންނާނެ ކަމަށެވެ. މައްސަލައިގައި ހިމެނޭ ފޯމު އޭނާއަށް ލިބުނުއިރު ވެސް އެ ފޯމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖަހައިފައިވާ ކަމަށާއި، އެ ފޯމާއެކު އެޓޭޗުކޮށްފައިވާ އައިޑީކާޑު ކޮޕީއަށް ބަލައިގެން މީހާގެ މައުލޫމާތު ފުރިހަމަކޮށް ހެއްކެއްގެ ގޮތުގައި ސޮއިކުރި ކަމަށް ހެކިބަހުގައި ބުންޏެވެ.
ދައުލަތުން ވަނީ ދައުވާ ލިބޭ ފަރާތައް ކުށް ސާބިތުކުރުމުގެ ގޮތުން ހެކީގެ ގޮތުގައި ފިންގާ ޕްރިންޓް ރިޕޯޓެއް ހުށަހަޅައިފަ އެވެ. އެ ރިޕޯޓުގައި ވަނީ އީސީއަށް ހުށަހެޅި ފޯމުގައިވާ ފިންގަޕްރިންޓާއި ދައުވާ ލިބޭ ފަރާތުގެ ވައަތުގެ ބޮޑުވާ އިނގިލީގެ ނިޝާން ދިމާވާ ކަމަށެވެ.
ދައުވަލިބޭ ފަރާތުން ދިފާއުގައި ވާހަކަދައްކަވަމުން ބުނީ ޖުމްހޫރީ ޕާޓީއަށް ވަނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ފޯމު ފުރާފައިވާނެ ކަމަށާއި އެކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އަދި ފޯމު ފުރީ އެ ފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ދެ މީހުން ތިބި ތަނަކަށް، ރައްޓެހިންތަކަކާ އެކު ގޮސް ކަމަށެވެ،
ދެ ފަރާތުން ޝަރީއަތުތައި ދެއްކެވި ވާހަކަ އަޑުއެހުމަށްފަހު މައްސަލައިގެ ރައުޔުގައި ގާޒީ ވިދާޅުވީ ފޯމުގައިވާ އަތުލިޔުން ފުލުހުން ތަހުލީލުކޮށްފައިވާއިރު، ފޯމުގައި ވަނީ އޭގައި ހެކިވެރިންގެ ތެރެއިން ސޮއިކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އެ ފޯމުގައި އެޓޭޗްކޮށްފައިވާ އައިޑީކާޑު ކޮޕީއަށް ބަލައިގެން މައުލޫމާތު ފުރިހަމަ ކުރި ކަމަށް ތަހުގީގުގައި ބުނެފައިވާ ހެކިވެރިޔާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންވެ އެ މައްސަލައިގައި ހުކުމުގައި ގާޒީ ވިދާޅުވީ ދައުވާލިބޭ ފަރާތުން ކުށްކުރި ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.