ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭން އެކުލަވާލަން ފަށަނީ

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭން އެކުލަވާލަން ފަށަނީ

20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވާލައި އެެއަށް ގާނޫނީ ބާރު ދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މިއަދު އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކުރިއަށް އޮތް އަހަރު ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުން އަދި އެކްސްޕާޓުންގެ ބައިވެރިވުން ހިމެނޭ ގޮތަށް މާސްޓާ ޕްލޭނުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ކެބިނެޓުން ނިންމައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ޕްލޭންއަކީ އަޅުގަނޑު ވައުދުވީ ގޮތަށް އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާ ޕްލޭނަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނަށް ވަކިން ހާއްސަކޮށް މިކަމަށް ހަދާ ގާނޫނަކާ އެކީ ހެދިގެންދާނެ ޕްލޭނަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

"މީގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން."

މާސްޓާ ޕްލޭނާ ގުޅޭ މަޝްވަރާތަށް ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި ބާއްވާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީ މި ޕްލޭނާ އެކު ބައްޓަންވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"މި މަސައްކަތް ކުރަން އިރާދަކުރެއްވިޔާ މި ފަށަނީ. މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާ އެކީގައި އެންމެންގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތަށް ވެގެންދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *