އެހެން ޒޯން ތަކަށް ރަޖިސްޓްރީ ކުރުމަށްފަހު މާލޭގައި ދުއްވާ އުޅަނދު ތަކުގައި ސްޓިކާ ޖަހަނީ

އެހެން ޒޯން ތަކަށް ރަޖިސްޓްރީ ކުރުމަށްފަހު މާލޭގައި ދުއްވާ އުޅަނދު ތަކުގައި ސްޓިކާ ޖަހަނީ

މާލޭ ސަރަހައްދުގައި އެހެން ޒޯން ތަކަށް ރަޖިސްޓްރީ ކުރުމަށް ދުއްވާ ވެހިކަލް ތަކުގެ ރަޖިސްޓްރީ ބަދަލު ކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކު ކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދު ތަކުގައި ސްޓިކާ ޖަހަން ފަށައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ވަނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނު ތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ޤާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އެފަދަ އުޅަނދު ތަކުގައި ސްޓިކާ ޖަހައި، އެ އުޅަނދު ތަކަށް މިހާރު ކަނޑައަޅާފައިވާ ޕާކިން ޒޯނަށް ގެންދިއުމަށް އަންގަމުންދާ ކަމަށެވެ.

"ސްޓިކާ ހަރުކުރެވޭ އުޅަނދު ތަކުގެ ވެރިފަރާތް ތަކުން އެ ސްޓިކާގައި ބަޔާން ކޮށްފައިވާ ސުންގަޑީގެ ކުރިން އުޅަނދު ނެގުމަށް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

މި އުޅަނދުތައް ޕާކު ކުރުމަށް ދީފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓް ތަކުގެ ކުރިމަތީ އޮންނަ ހުސް ބިމެކެވެ. އެޗްޑީސީން ވަނީ 40،000 އަކަފޫޓުގެ އެ ހުސް ބިން، މިިދިޔަ މަހުގެ 21 ގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލު ކޮޮށްފައެވެ.

އެހެން ޒޯން ތަކަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް އެތަނަށް ގެންދަން ޖެހެނީ އަމިއްލައަށެވެ. އެ ބިމުގައި ބާއްވައިގެން ރަޖިސްޓްރީ ބަދަލު ކުރަން 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *