ވާނުވާ ބަންދުގައި ދިގު މުއްދަތަށް ހުންނަންޖެހޭ މައްސަލަ ހައްލު ކުރަން ޕީޖީ އޮފީހުގެ ނިޒާމް ބަދަލު ކުރާނަން: އައްބާސް

ވާނުވާ ބަންދުގައި ދިގު މުއްދަތަށް ހުންނަންޖެހޭ މައްސަލަ ހައްލު ކުރަން ޕީޖީ އޮފީހުގެ ނިޒާމް ބަދަލު ކުރާނަން: އައްބާސް

ވާނުވާ ބަންދުގައި ހުކުމެއް ނުކޮށް ކުށުގެ ތުހުމަތުގައި ހުންނަންޖެހޭ މައްސަލަ ހައްލު ކުރަން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުގެ އެތެރޭގެ ނިޒާމަށް ބަދަލު ގެންނަވާނެ ކަމަށް އާ ޕްރޮސިކިއުޓާގެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފައިވާ އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޝާމިން ވިދާޅުވީ، ޝަރީއަތުން ހުކުމެއް ނުކޮށް ވާނުވާ ބަންދުގައި 10 ވަރަކަށް އަހަރު ތުހުމަތުގައި ހުންނަންޖެހޭ ގޮތަށް ޝަރުއީ ނިޒާމް ބައްޓަން ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެގޮތަށް ހުންނަންޖެހޭ މީހާގެ ދިރުއުޅުމުން ބައެއް ބޭކާރު ވެގެންދާ ކަމަށެވެ.

އައްބާސް ވިދާޅުވީ، އެކަން ހައްލު ކުރުމަށް ގޮތެއް ވިސްނިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ޝަރީއަތުގައިވާ މުއްދަތު ކުރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

"އެއްކަމަށް އަޑު އެހުންތައް ބެކްޓުބެކް ދެވޭގޮތެއް ހަދަންޖެހޭ، މިހާރު އެއްދުވަހު ޝަރީއަތް ބާއްވާފައި އަނެއް ދެހަފްތާ ފަހުން އަނެއް އަޑު އެހުން ބޭއްވުމުގެ ބަދަލުގައި ޝަރީއަތުގެ އަޑުއެހުންތައް ބެކްޓުބެކް ގެންގޮސް ނިންމާލެވޭ ގޮތަށް ބަދަލު ކުރުން އެއީ ހައްލަކަށް ވެދާނެ،" އައްބާސް ވިދާޅުވިއެވެ.

އޭގެއިތުރުން އައްބާސް ވިދާޅުވީ، ޝަރީއަތުގެ އަޑުއެހުންތައް އޮންނާނެ ތާރީޚުތައް ކުރިއާލައި އެނގިފައި އޮތުން މުހިއްމު ކަމަށާއި، އޭރުން މައްސަލަ ރައްދުވާ ފަރާތައް، ތައްޔާރުވުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އެއާއެއްކޮށް ކުރިއަށް ޝެޑިއުލް ކުރެވި ތާރީޚު ތަކެއް ހަމަޖެހި އެނގިފަ އޮތުމާއި އެ ތާރީޚު ތަކުގައި މައްސަލަތަކުގެ އަޑު އެހުންތައް ބަރާބަރަށް ގެންގޮސް ނިންމަވާލެވޭ ގޮތަށް ސިސްޓަމް ރޭވިފައި އޮތުމަކީ ވަރަށް ބޮޑު ތަސައްލީ އަކަށްވާނެ، އޭރުން ބަންދުގައި ހުއްޓަސް އެނގޭނެ މައްސަލަ އޮންނާނީ މީގެ ހަ މަސް ދުވަސް ފަހުންކަން، ދެން ޝަރީއަތް ފެށޭތާ ހަތަރު ދުވަސް ތެރޭގައި އަޑު އެހުންތައް ބާއްވައި ނިންމައިފަ 10 ދުވަހުގެ ތެރޭގައި ހުކުމް ކުރާނެކަން،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ސިސްޓަމް އޮތް ގޮތުން މައްސަލައިގައި ވާނީ 10 ދުވަސް ކަމެއް ނުވަތަ 10 އަހަރުކަމެއް ނޭނގޭ ކަމަށެވެ. އޭގެބަދަލުގައި މަސައްކަތް ކުރައްވާނީ ޝަރީއަތަށް މައްސަލަ ދާއިރު އެކަމާބެހޭ ހުރިހާ ދިރާސާއެއް ކުރެވިފައިވާ މައްސަލައަކަށް ހެދުމަށް ކަމަށާއި، އެ މައްސަލަތަކަށް ދާ ޕްރޮސިކިއުޓަރަކީ މައްސަލައިގެ ތެރެއަށްވަދެ އެކަންއެނގޭ މީހެއް ކަން ކަށަވަރު ކުރެއްވުމަށް ކަމަށް އައްބާސް ވިދާޅުވިއެވެ. އެކަން ކަށަވަރު ކުރުމަށް ޕީޖީ އޮފީހުގެ ތެރޭގެ ނިޒާމަށް ބަދަލު ގެންނަން ޖެހެންނާ ގެންނާނެކަމަށް އައްބާސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *