ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުގެ ޚިދުމަތްތައް ލިމިޓު ކުރި ދުވަހު ބޭންކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖޭގައި ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުންފުނީގެ ޤާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ދައުލަތް ހިއްސާވާ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތަކާމެދު މިހާރު ވިސްނަން ޖެހޭކަމަށެވެ.
"ދާދިފަހުން ދިމާވި ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ތަކުގެ މައްސަލަ ދިމާވިއިރުވެސް އެ ކުންފުނީގެ އެންމެ ޒިންމާދާރު މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެއަކު ނެތް، އޭގެތެރޭގައި އޮޕަރޭޝަނަލްސް ޑިރެކްޓަރެއް ނެތް، ކުރެޑިޓް ކޮންޓްރޯލް މެނޭޖަރެއް ނެތް، އަދި ރިސްކް މެނޭޖަރެއް ނެތް، މިއީ ރާއްޖޭން ބޭރުގެ ބޭފުޅުން 15000 ޑޮލަރުގެ މުސާރަ ދެއްވާފައި ތިއްބެވި އެންމެ ޒިންމާދާރު ތިން މީހުން. ރާއްޖެއަކު ނެތް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޕީސީބީންވެސް އަދި ދައުލަތުގެ ހިއްސާ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ފިނޭންސް މިނިސްޓަރުވެސް، ކުންފުނި ތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިންގާ ގޮތް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.
"15000 ޑޮލަރުގެ މުސާރައަކީ ކުޑަ މުސާރައެއް ނޫން، އަޅުގަނޑުމެން މި މަގާމު ތަކަށް ދިވެހިން ލެވޭތޯ އެބަޖެހޭ ބަލަން، އަޅުގަނޑުމެންގެ ބޭންކު، އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި އެގޮތަށް ހިނގަމުންދާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ އެދުވަހު ދިމާވި ކަންތަކަށް ވުރެން ސީރިއަސް ކަންތައް ކުރިއަށް އޮތްތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
އެހެން ކަމުން މި ބިލުން ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށާއި، އެއީ ކުންފުނީގެ ބޯޑަށް އައްޔަން ކުރެވިފައިވާ މެންބަރުން ރަށުގައި ވަޑައިގެން ނޫޅުއްވާތީ، ނޫނިއްޔާ އެބޭފުޅުން ބޯޑަށް ހާޒިރުނުވެ ބޯޑުގެ ޖަލްސާތައް ނުބޭއްވޭ ހާލަތެއްގައި ނޯޓިސްގެ މުއްދަތު ކުރުކޮށް ދިނުމަކީ ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ބިލުން ކުންފުނީގެ ޤާނޫނުގެ 100 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 126 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ. ގާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން އެއް ޑިރެކްޓަރަކު ހުންނަންވާނެ ކަމަށެވެ. (ށ) ގައި ބުނަނީ ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ދެ ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން ތިން ޑިރެކްޓަރުން ތިބެންވާނެ ކަމަށެވެ.
(ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާން ކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ. ނަމަވެސް ކުންފުނީގެ ހިންގާ ގަވާއިދު، އެ މާއްދާގެ ތެރޭގައި ހިމަނަން އިސްލާހުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން (ރ) ގައި ބުނަނީ މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރު ކުރުމަށް މި މާއްދާ ހުރަސްނާޅާ ކަމަށެވެ.
އެ ޤާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި ބުނަނީ، މި ޤާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ކުންފުންޏެއްގެ ޚާއްސަ އާއްމު ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހަޅާ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި އެ ޖަލްސާއަށް ދައުވަތު ދޭންވާނެ ކަމަށެވެ. ދެވަނަ ނަމްބަރުގައި ބުނަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަންވާނެ ކަމަށެވެ.
އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ޖަލްސާއަށް ދައުވަތުދޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ޖަލްސާ ބާއްވަންޖެހޭ މުއްދަތު 10 ދުވަހަކަށް ކުރު ކުރުމަށެވެ. ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ހާއްސަ އާއްމު ޖަލްސާ ބާއްވަން ނޯޓިސް ދޭންޖެހޭނެ ކަމަށް ގާނޫނުގެ 100 ވަނަ މާއްދާގެ (ށ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަމްބަރުގައި އޮތް 14 ދުވަހުގެ މުއްދަތު ހަތް ދުވަހުގެ މުއްދަތަށް ކުޑަ ކުރުމަށްވެސް އިސްލާހުގައި ވެއެވެ.
މިޤާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގައި ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުން ނެތް ކަމަށް ރަޖިސްޓްރާގެ ސަމާލު ކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަން ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތުން ރަޖިސްޓްރާ ކުންފުންޏަށް އެންގުމުން، ކުންފުންޏަށް ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓާރު އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނާ 30 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރު ކުރަންވެސް ވަނީ ބިލްގައި ހިމަނައިފައެވެ.