އެމެރިކާގެ ރިޔާސީ ބަހުސަށްފަހު، ކަމަލާ ހެރިސްއަށް އޮތް ތާއީދު، ޑޮނަލްޑް ޓްރަމްޕަށްވުރެ ކުޑަތަންކޮޅެއް ކުރިއަށް ޖެހިލައިފި ކަމަށް ޚިޔާލު ހޯދުމުގެ ޕޯލު ތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާ ބޭއްވި ބަހުސަށްފަހު، ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕްގެ ބަހުސަށްފަހު، ވޯޓު ލާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކަމަލާ ހެރިސް ވަނީ މި ބަހުސްގައި މޮޅުވެފައެވެ. މިކަން ދައްކުވައިދެނީ އެކި ސާވޭ ތަކުގެ ނަތީޖާ އިންނެވެ.
ގާޑިއަން ނޫހުގެ އެންމެ ފަހުގެ ވޯޓު ޕޯލް ތަކުން ދައްކާ ގޮތުގައި، އެމެރިކާގެ މިހާރުގެ ނައިބު ރައީސާ ހެރިސް ވަނީ މިދިޔަ އަންގާރަ ދުވަހު ފިލަޑެލްފިޔާގައި އޮތް ބަހުސްއަށް ފަހު ޓްރަމްޕްގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ ހަފްތާ ފެށުނުއިރު، ދެ ކެންޑިޑޭޓުން ހަމަހަމަވެފައި ތިބި ހިސާބުން އައިސްފައިވާ ބަދަލެކެވެ.
މި ބަދަލު ފާހަގަ ކުރެވެނީ އަމިއްލަ ސާވޭ ތަކުން ކަމާއި މީގެތެރެއިން ބައެއް ސާވޭ ތަކުން ދައްކާ ގޮތުގައި ހެރިސްގެ ކުރިއެރުން ވަނީ ގާޑިއަން ޓްރެކާ އަޅާބަލާއިރު 0.9 ޕަސަންޓް މަތިވެފައެވެ.
ބަހުސަށްފަހު ކުރެވުނު ފުރަތަމަ ރޮއިޓާސް/އިޕްސޮސް ސާވޭއިން ދައްކާ ގޮތުގައި ހެރިސް ވަނީ 5 ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ. މީގެ މާނައަކީ ހެރިސް 47 ޕަަަސަންޓް އަދި ޓްރަމްޕް 42 ޕަސަންޓްގައި އޮތުމެވެ. މިއީ ފާއިތުވި މަހު ޑިމޮކްރެޓުން ބޭއްވި ގައުމީ ޖަލްސާއަށްފަހު ރެކޯޑު ކުރެވުނު ކުރިއެރުމަށްވުރެ 1 ޕޮއިންޓްގެ އިތުރު ކުރިއެރުމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝާއިއު ކުރި ސާވޭއަކުން ދައްކާ ގޮތުގައިވެސް ހެރިސް ވަނީ 50 ޕަސަންޓާ ގާތަށް ތާއީދު އިތުރުކޮށްފަ އެވެ. މިއީ ބަހުސްގެ ކުރިން ހެރިސް ރެކޯޑް ކުރަމުންދިޔަ 3-4 ޕޮއިންޓްގެ ކުރިއެރުމަށް ވުރެ އިތުރު ކުރިއެރުމެކެވެ. މި ސާވޭއިން ދައްކާ ގޮތުގައި ޓްރަމްޕަށް ލިބޭ ތާއީދު ވަނީ ދަށްވެފައެވެ.
ސާވޭ ހަދާ ބައެއް ފަރާތް ތަކުން ބުނާ ގޮތުގައި މިއީ އަންގާރަ ދުވަހުގެ ބަހުސްގައި ޓްރަމްޕް ދެއްކެވި "ހަމަނުޖެހޭ ވާހަކަ" ތަކުގެ ސަބަބުން އޭނާއަށް އޮތް ތާއީދު ދަށްވީއެވެ.