ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއު)ގެ މައްޗަށް އަންގައި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
މި މައްސަލައަކީ، ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
އެ ތިން މީހުން ސިވިލް ކޯޓުގައި ދައުވާ ކުރީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލު ކުރާނެ ކަމަށް ބުނެ، އެތަނުގެ ލިއުން ލިބިގެން، ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީން ނިންމުމުންނެވެ.
ކޮލިފިކޭޝަން އޮތޯރިޓިން ބުނެފައި ވަނީ، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލު ކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލު ކުރާނޭ ގޮތުގެ އުސޫލު" އަށް ހަވާލާދީ ކަމަށެވެ.
އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލު ކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އެ ތިން މީހުން ސިވިލް ކޯޓުގައި ބުނެފައި ވަނީ އެއީ ކޮލިފިކޭޝަން އޮތީރިޓީން ގަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ލިއުން ލިބި، ކޯސް ފަށައި، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަ ތަކެއް އުޅޭކަން ފާހަގަވެ، އެކަންތައް ބަލަމުންދާ ކަމަށާއި ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެ ކަމަށް ލިއުމުން ދިން ޔަގީން ކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ 1 އަހަރު ފަހުން ޕްރޮގްރާމް ގަބޫލު ނުކުރާނެ ކަމަށް އެންގުމަކީ އިއާދަ ނުކުރެވޭ ގެއްލުން ތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ޤާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އެފަރާތް ތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އޮތީރިޓީން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަކަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރު ކޮށްދިނުމަށް އަދި އެގޮތަށް އަމުރު ކޮށްދެވޭނެ ތަނެއް ނެތްނަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލްކޯޓުގައި އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައި ވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން ކޮލިފިކޭޝަން އޮތޯރިޓީއަށް އަމުރު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެ ފަރާތް ތަކުން ކިޔެވި ޕްރޮގްރާމްގައި މައްސަލަ ތަކެއް ހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތް ތަކުން ކޮށްފައިވާ ޚަރަދުތަކާއި އެފަރާތްތަކަށް ލިބިފައިވާ ގެއްލުން ތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދު ތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށާއި އެ މިންވަރަށް އެފަރާތް ތަކަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތް ތަކުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މި މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ. އަދި ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫންއަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާ އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް އަންގާ ކަމަށެވެ.
މޯލްޑިވްސް ކޮލިފިލޭޝަން އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހަމަޖެހިފައި ވާތީ އެކަން އާއްމުންނަށް އެނގުން މުހިއްމު ކަމަކަށް ވާތީ އާއްމުކޮށް އިއުލާންކުރީ ކަމަށެވެ.