ޑޮކްޓަރީ ބޭސް 200 ޕަސެންޓާއި 2000 ޕަސެންޓުގެ ބޮޑު ފައިދާއެއްގައި- އަގުތައް ކުޑަކުރަން ފިޔަވަޅު އަޅަން އަންގައިފިން: ރައީސް

ޑޮކްޓަރީ ބޭސް 200 ޕަސެންޓާއި 2000 ޕަސެންޓުގެ ބޮޑު ފައިދާއެއްގައި- އަގުތައް ކުޑަކުރަން ފިޔަވަޅު އަޅަން އަންގައިފިން: ރައީސް

މިހާރު ބާޒާރުގައި ޑޮކްޓަރީ ބޭސް ވިއްކާ އަގަކީ މާބޮޑު އަގެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ބޭހުގެ އަގު ދަށްކުރުމަށް ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށްވެސް މިހާރު އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަގު ބާޒާރުގައި މިހާރު ވިއްކަމުންދާ އަގު ބޮޑުކަން ފާހަގަ ކުރައްވައި ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސެންޓުން ފެށިގެން 2000 ޕަސެންޓުގެ ދެމެދުގެ ފައިދާއެއް ލިބޭ މިންވަރަށް އަގުބޮޑުކޮށްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުން ހުރި އެންމެހައި މުއައްސަސާ ތަކަށް މިހާރު ވާނީ އަންގާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ޑޮކްޓަރީ ބޭހުގެ ބާޒާރު އަގަށާއި އާސަންދައިން ޗާޖު ކުރާ އަގުވެސް ދަށްކުރެވިގެންދާނެ ކަމަށެވެ.

"މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާން ކުރެވޭނެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތް ކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުން ކުރެވޭނެ މަގު ތަނަވަސް ވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *