32 އަހަރުގެ ސެލީނާ ބިލިއަނަރުންގެ ލިސްޓަށް އަރައިފި

32 އަހަރުގެ ސެލީނާ ބިލިއަނަރުންގެ ލިސްޓަށް އަރައިފި

ކުޑައިރުއްސުރެ ބާނީ އަދި ޑިޒްނީ ޗެނަލްގައި ތަރިއެއްގެ ގޮތުގައި މަޝްހޫރުވި ސެލީނާ ގޯމެޒް، ބިލިއަނަރުންގެ ލިސްޓުން ޖާގައެއް ލިބިއްޖެއެވެ.

ބުލޫމްބާގްގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިހާރު އުމުރުން 32 އަހަރުގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާގެ މުދަލުގެ އަގު 1.3 ބިލިއަން ޑޮލަރަށް އަރައެވެ.

މި ބަތަލާގެ މުއްސަނދި ކަމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އޭނާ މީގެ ފަސް އަހަރު ކުރިން ފެށި ރެއަރ ބިއުޓީ ކުންފުނިންނެވެ. މި ކުންފުނީގައި އޭނާގެ އަތުގައި އޮތް ހިއްސާގެ އަގު 1 ބިލިއަން ޑޮލަރަށްވުރެ މަތިވާ ކަމަށް ލަފާކުރެވެއެވެ. މި ވިޔަފާރީގެ ކާމިޔާބީއާއެކު، ސެލީނާ ވަނީ ޓޭލަރ ސްވިފްޓް އަދި ރިހާނާ ފަދަ "އަމިއްލަ ބާރުން މުއްސަނދިވި" އެންމެ ޅަ އަންހެނުންގެ ތެރެއިން އެކަކަށް ވެފައެވެ.

ސޯޝަލް މީޑިޔާގައި ވަރަށް މަޤްބޫލުވެފައިވާ ލިކުއިޑް ބްލަޝް އަދި ލިޕް ޓިންޓްގެ ބްރޭންޑެއް ކަމަށްވާ ރެއަރ ބިއުޓީ، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ ސާފު ވިއްކުން ތަކެއް ހާސިލުކުރި ކަމަށްވެއެވެ.

ލުއި ވުއިޓަން، ކޯޗް އަދި ޕިއުމާ ފަދަ ބްރޭންޑްތަކާއެކު ކުރި އެންޑޯސްމަންޓް ޑީލް ތަކުންވެސް ސެލީނާއަށް ވަނީ އެތައް މިލިއަން ފައިސާއެއް ލިބިފައެވެ. މީގެއިތުރުން، އެމީ ނޮމިނޭޓްވި ހުލޫގެ ހިޓް ސީރީސް "އޯންލީ މަރޑަރސް އިން ދަ ބިލްޑިންގް" ގެ ކޮންމެ ސީޒަނަކަށް މަދުވެގެން 6 މިލިއަން ޑޮލަރު ލިބުނު ކަމަށް ބުނެވެއެވެ. މި ސީރީސްވެ އެއްބަސްވުން ވަނީ ފަސްވަނަ ސީޒަނަށް އައުކޮށްފައެވެ.

ސެލީނާގެ ލަވަތަކަކީވެސް ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު ލަވަތަކެކެވެ. އޭނާ ކިޔާފައިވާ ލަވަތަކަކީވެސް އޭނާއަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތެވެ. މިއާއެކު އަންހެން ލަވަކިޔުންތެރިންނާ އެކްޓްރެސް ތަކުގެ ތެރެއިިން މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަަމަ ބިލިޔަނަރުގެ ގޮތުގައި ސެލީނާ ވަނީ ވެފައެވެ. އެހެންކަމުން އޭނާއަށް ދުނިޔޭގެ ތާރީޚު ފޮތުން ޖާގައެއް ކަށަވަރު ވާނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *