ކުރިމިނަލް ކޯޓުން ބޭރުކޮށްލި، ޖިހާދުގެ ކޮރަޕްޝަންގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި

ކުރިމިނަލް ކޯޓުން ބޭރުކޮށްލި، ޖިހާދުގެ ކޮރަޕްޝަންގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި

ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ހައި ކޯޓަށް ބަލައިގެންފިއެވެ.

އެ މައްސަލައިގައި މިސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަައެވެ.

މީގެކުރިން ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމުން ކަމަށެވެ.

ޕީޖީން ހައި ކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ޖުލައިމަހު އިއްވި ހުކުމުގައި ވަނީ އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަ ނައިބުގެ ސިޓީއަކާ ގުޅިގެން ކުރީ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަަނުން އެ މައްސަލަ އަލުން ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައި ނުވާ ކަމަށެވެ.

އެގޮތުން ކޮންމެ މުއައްސަސާއަކުން ޖިނާއީ މައްސަލައެއް ތަހުގީގުކުރިޔަސް އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގައި ގާނޫނީ އިންޒާރު ދޭން ޖެހޭނެ ކަމަށެވެ. ނޫންނަމަ، މައްސަލަ ތަހުގީގުކޮށްފައި ވަނީ އިންސާފުވެރިކަމާ އެކު، އަދި ލިބިދޭން ޖެހޭ ހައްގުތަކަށް ރައްކާތެރި ކުރެވިގެން ކަމާމެދު ސުވާލު އުފެދި، މައްސަލައަށް އެކަމުގެ އަސަރުކުރާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން މިދިޔަ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ، އޭގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށްވާ އިރު، ހަމަ އެ މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާ ކަމަށްވެސް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މައްސަލައިގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ބަލާފައިވާ އިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށްވާއިރު، އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ގާޒީ ވިދާޅުވެފައި ވަނީ އެކަންތައްތަކަށް ބައްލަވައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.

އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ ކަމަށް ޕީޖީން ކުރިން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *