ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހައިކޯޓުން އަންގައިފިއެވެ.

މި މައްސަލައަކީ، ގދ. ތިނަދޫ ޓުވައިލައިޓް ޝައްމޫން އާދަމް އާއި މ. ސިނައެކަތަ ފާތިމަތު މުމްތާޒާ އާއި ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ ތިން މީހުން ސިވިލްކޯޓުގައި ދައުވާކުރީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ގަބޫލު ކުރާނެ ކަމަށްބުނެ، އެތަނުގެ ލިއުން ލިބިގެން، ފިލިޕީންސްގެ އެލްޑަސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން ގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން އެ ސަނަދު ގަބޫލު ނުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީން ނިންމުމުންނެވެ.

ކޮލިފިކޭޝަން އޮތޯރިޓިން ބުނެފައިވަނީ، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، "ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒު ތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު" އަށް ހަވާލާދީ ކަމަށެވެ.

އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑަސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އެ ތިންމީހުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ ކޮލިފިކޭޝަން އޮތީރިޓީން ގަބޫލުކުރާ ޕްރޮގްރާކެއްކަމުގެ ލިއުން ލިބި، ކޯސް ފަށައި، ކޯހުގެ މެދު ތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ، އެކަންތައް ބަލަމުންދާ ކަމަށާއި، ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެކަމަށް ލިއުމުން ދިން ޔަގީންކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެެހެން ޕްރޮގްރާމަކަށްނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލުނުކުރާނެކަމަށް އެންގުމަކީ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެކަމެއްކަމަށެވެ.

އެކަމުގެ ސަބަބުން ގާނޫނުއަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެނިސްބަރުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށާއި، އެކަމަކީ އެފަރާތްތަކުގެ އިހުމާލެއް ބާރެއް، ނެތް ކަމެއްގައި ބޭއިންސާފުން ސައްހަނޫން ގޮތެއްގައި އޮތީރިޓީން ނިންމި ނިންމުން ވެފައިވަނީ އެފަރާތްތަަކަށް ދެވުނު ބޮޑު އަދަބަކަށްކަަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލު ކުރުމަށް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދިނުމަށް، އަދި އެގޮތަށް އަމުރުކޮށްދެވޭނެ ތަނެއް ނެތްނަަމަ، އޮތޯރިޓީގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމް އަށް 23.6 މިލިޔަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިޔަން ރުފިޔާ ނަގައިދިނުމަށް ސިވިލްކޯޓުގައި އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ނިންމާފައިވަނީ، އެ މީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން ކޮލިފިކޭޝަން އޮތޯރިޓީއަށް އަމުރުކުރަން ނުޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުން ކިޔެވި ޕޮރްގްރާމްގަައި މައްސަލަތަކެއްހުރިކަން އޮތޯރިޓީން އަންގާފައިވާ ހިސާބަށް އެފަރާތްތަކުން ކޮށްފައިވާ ހަރަދުތަކާއި އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކަށް އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެ ފަރާތްތަކުން އެދިފައިވާ އަދަދުތަަކީ ނަގައިދެވޭނެ ފައިސާއެއްނޫން ކަމަށާއި، އެ މިންވަރަށް އެފަރާތްތަކަށް ގެއްލުން ވެފައިވާކަން ޝަރިއަތަށް ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލްކޯޓުގެ އެ ނިންމުން އެ ފަރާތްތަކުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުން އިއްޔެކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ. އަދި ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫން އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާ އަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލު ކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް އަންގާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *