ރާއްޖޭގެ ގާނޫނާހިލާފު އަމަލުތައް ހިންގުމަށާއި ގާނޫނުތައް މުގުރާލުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ނުދެއްވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ގެންދަވަނީ ދިވެހިންގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށްޓަކައި އެތަކެއް ބިދޭސީންތަކެއް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލާފައިވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމަށްޓަކައި ރައީސް ކުރައްވަމުންދާ މަސައްކަތް އެންމެ ކައިރިން ފެންނާނެ ބޭފުޅަކީ ނައިބު ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު ކަމަށެވެ.
ރައީސް ތަންފީޒު ކުރައްވަމުން ގެންދަވާ ގައުމީ އެޖެންޑާގެ އެންމެ ބޮޑު އެއް އަމާޒަކީ ޑްރަގުގެ ވަބާ އިން ގައުމު ސަލާމަތް ކުރުމާއި ރާއްޖޭގެ ގާނޫނު މުގުރަަން އެއްވެސް ފުރުސަތެއް ނުދިނުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އަދި މި ރާއްޖޭގައި އަމާން ކަމާއި މަސަލަސްކަން ޔަގީންކޮށްދެއްވުން ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފު ކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ރައީސް ސާބިތުކޮށްދެއްވުމުން އެ ގެންދަވަނީ އެމަނިކުފާނު އަބަދު ވެސް ދަމަހައްޓާނީ ދިވެހިންނަށް އެންމެ އިސްކަން ދެއްވާ ޕްރޯމޯލްޑިވްސް ސިޔާސަތުކަން، ހާރިޖީ ގުޅުންތަކުގެ ވަޒަން ހަމަކުރައްވާ ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ގައުމަކާއި އެކީގައި ވެސް ގުޅުން ބަދަހިކުރައްވަމުން. މިއީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް" ނައިބު ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ހާއްސަކޮށް ދިވެހި ޒުވާނުންނަށާއި ކިޔަވާ ކުދިންނަށް ރައީސް ދެއްވީ ގައުމިއްޔަތުގެ ވަރަށް ވަރުގަދަ ތަގުރީރެއް ކަމަށެވެ.
އެ ތަގުރީރަކީ ރާއްޖޭގެ ހުރިހާ ކޮލެޖް ޔުނިވާސިޓީއެއްގައި އަދި ސްކޫލް މަދުރަސާއެއްގައި ދަރިވަރުންނަށް އިއްވާ ފަހުމުކޮށްދީ އޭގެ މައްޗަށް ދިރާސާތައް ހަދައި އިބްރަތް ލިބިގަންނަން ޖެހޭ އަގުހުރި ތަގުރީރެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.