ރޭސިން ކާރު އެކްސިޑެންޓުގައި ޒުވާނަކު މަރުވުން: ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރޭސިން ކާރު އެކްސިޑެންޓުގައި ޒުވާނަކު މަރުވުން: ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭގައި ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކާރު ޑްރައިވަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ރޭ ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އެކްސިޑެންޓުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ. ސަމާހުގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

އެ އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވަންހުރި މީހާ ފުލުހުން ހައްޔަރުކުރީ މިއަދެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ވިސާމް ސިދުގީ، ވައިލެޓުފޮތި، ސ. ހިތަދޫ އެވެ. އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދެންމެ ބުނީ ވިސާމުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ހަފުތާ ބަންދުގައި ހުޅުމާލެއާއި ހުޅުމާލެ ފޭސް ދޭއްގައި ބާރު ސްޕީޑުގައި ސްޕޯޓްސް ކާރުތައް ދުއްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ މީހުން ފުލުހުންނަށާއި އެޗްޑީސީއަށް އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ ކުރިން ހުޅުމާލޭ 2 ގައި ވެސް ސްޕޯޓްސް ކާރަކުން ޖެހި ސައިކަލެއްގައި އިން މީހަކަށް ވަރަށް ބޮޑަަށް އަނިޔާވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *