ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ކަމާބެހޭ ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ.
ރައީސް އެގޮތަށް އިދާރާތަކަށް އެންގެވީ ރޭ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ. ރޭ ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ. އެ އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވަންހުރި މީހާ ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ވިސާމް ސިދުގީ، ވައިލެޓުފޮތި، ސ. ހިތަދޫ އެވެ. އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ކަމަށް ފުލުހުން ބުންޏެވެ.\
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން އަނެއްކާ ވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި" ރައީސް ވިދާޅުވި އެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ސަމާހްއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާއިރު، އެސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ހަފުތާ ބަންދުގައި ހުޅުމާލެއާއި ހުޅުމާލެ ފޭސް ދޭއްގައި ބާރު ސްޕީޑުގައި ސްޕޯޓްސް ކާރުތައް ދުއްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ މީހުން ފުލުހުންނަށާއި އެޗްޑީސީއަށް އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.
މީގެ ކުރިން ހުޅުމާލޭ 2 ގައި ވެސް ސްޕޯޓްސް ކާރަކުން ޖެހި ސައިކަލެއްގައި އިން މީހަކަށް ވަރަށް ބޮޑަަށް އަނިޔާވި އެވެ.