މަރާމާތުކޮށް ނިމިފައިވާތީ މާދަމާ ހުކުރު ކުރަން އާސަހަރާ ހުޅުވަނީ

މަރާމާތުކޮށް ނިމިފައިވާތީ މާދަމާ ހުކުރު ކުރަން އާސަހަރާ ހުޅުވަނީ

ދެބުރިއަށް ހަދަމުންދާ މާލޭ އާސަހަރާގެ މަސައްކަތް ނިމިފައިވާތީ ތިރީބައި ހުކުރު ނަމާދަށް ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ މާދަމާ ހުކުރު ކުރުމަށް އާސަހަރަ ހުޅުވުމަށް ނިންމާފައިވާތީ، އެކަމުގެ ތައްޔާރީތައް ބަލާލެއްވުމަށް މޭޔަރު އާދަމް އާޒިމް، މިއަދު އާސަހަރާއަށް ވަޑައިގެންނެވި ކަމަށެވެ.

"އާސަހަރާ މިސްކިތުގެ ތީރިބައި އަލުން ހުޅުވުމަށް 05 ސެޕްޓެމްބަރު 2023 ވާ ހުކުރު ދުވަހު، ހުކުރު ނަމާދަށް ހުޅުވުމުގެ ގޮތުން ކުރިއަށްދާ އެންމެ ފަހުގެ ތައްޔާރީތައް މޭޔާ އާދަމް އާޒިމް ބައްލަވައިލައްވައިފި" ސިޓީ ކައުންސިލުން ބުންޏެވެ.

މަރާމާތަށް އާސަހަރާ ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އާސަހަރާ ބަންދުކުރުމަށްފަހު، ސަހަރާގެ ގޮތުގައި ބޭނުންކޮށްފައިވަނީ ހުޅުމާލެ ސަހަރާ އެވެ.

މީގެކުރިން ސިޓީ ކައުންސިލުން ބުނެފައިވަނީ އާސަހަރާ މަރާމާތުކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުވާނެ ކަމަށެވެ. އާސަހަރާ މަރާމަތު ކުރުމަށް 71.7 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެންމެ ފުރަތަމަ އެ މަސައްކަތް ތިން ކުންފުންޏަކާ ސިޓީ ކައުންސިލުން ހަވާލު ކުރިއެވެ. ނަމަވެސް އެ ތިން ކުންފުންޏާއެކު ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. އާސަހަރާގެ މަސައްކަތް މިހާރު ކުރަމުންދަނީ ދެވަނައަށް ހަވާލުކުރި ކުންފުނިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *