ސިނަމާލެ ބުރިޖު މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރެއްވީ އޭނާ ކަމަށާއި ބުރިޖު އެޅިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބު މިއަދު ފޭސްބުކަށް ޕޯސްޓު ކުރި ވީޑިޔޯއެއްގައި ވިދާޅުވީ ބުރިޖު މަޝްރޫއުގެ ކުރީކޮޅުގައި ޔާމީން ގިނައިން އުޅުއްވަނީ ތާސް ކުޅުއްވުމާއި ސިންގަޕޫރުގައި ޝޮޕިން ކުރައްވަން ކަމަށެވެ.
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ބުރިޖެއްގެ ގޮތުގަ އެއިރުވެސް ބައެއް މިނިސްޓްރީ ތަކުން އިއުލާނުކޮށް ހެދި. އެހެން ނަމަވެސް އަޅުގަނޑުމެން ނިންމީ އިއުލާނުކޮށް ޗައިނާ ސަރުކާރާއެކު ވާހަކަ ދެއްކުމަށްޓަކާ. ހިތާމައަކީ އެއިރުގަވެސް ރައީސް ޔާމީން އުޅުއްވީ ގިނައިން ތާސް ކުޅުއްވުމާއި ގިނައިން ސިންގަޕޫރުގައި ޝޮޕިން ކުރުމުގައާއި އަދި ހަމަ އެހެންމެ އެހެން ކަންތައް ތަކުގައި" އަދީބު ވިދާޅުވިއެވެ.
ޔާމީންގެ ކެބިނެޓުގައި އެއިރު ތިއްބެވި ގިނަ ވަޒީރުން ވެސް ގަބޫލު ކުރެއްވީ ބުރިޖު ނޭޅޭނެ ކަމަށެވެ. ނަމަވެސް އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބުރިޖު އެޅޭނެ ކަމަށް ގަބޫލުކުރެއްވި ކަމަށް އަދީބު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރާއެކު ބުރިޖު މަޝްރޫއުގެ މަޝްވަރާތަށްވެސް ކުރެއްވީ އޭނާ ކަމަށް އަދީބު ވިދާޅުވިއެވެ. ބުރިޖުގެ ޕޭލްނިން ސްޓޭޖްގައި ޔާމީންގެ އެއްބާރުލުން ވަރަށް މަދު ކަމަށް އަދީބު ވިދާޅުވިއެވެ. ޔާމީން އޭރު ކޮންމެ ކަމެއްގައި ކުރީ ސަފަށް ނެރުއްވައި އިސްކުރައް ވަނީ އޭނާ ކަމަށް އަދީބު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައިވެސް ޔާމީން ވިދާޅު ވަނީ، އަދީބު ކުރިއަށް ގެންދާށޭ، މިސާލަކަށް ޗައިނާ ރައީސްގެ އަރިހުގައި އޭތި ޖަސްޓިފައި ކުރަން ބުނީމަވެސް، ޔާމީން ބުނަނީ އަދީބު ޖަސްޓިފައި ކޮށްދޭށޭ،" އަދީބު ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖު އޮތީ އިކޮނޮމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ. ބްރިޖާއި، ފީސިބިލީޓީ އާއި އޭގެ ބޯހޯލް ސްޓަޑީއަކީ ބަދަލު ކުުރެވޭނެ ކަންކަމެއް ނޫން ކަމަށް އަދީބު ވިދާޅުވިއެވެ.
"މިހާރު އެންމެ ކޮންފިއުޒް ވެގެން މި އުޅެނީ ބައިސްކަލް އަދި ޖޮގިންގ ލޭން، އެއީ އެއް ލޭނެއް، އެތާގައި ޖޮގް ކުރާނެ ކަން ނިންމާފައި އޮތީ ޔާމީން، ބައިސްކަލް ދުއްވަން ނުޖެހޭ ކަމަށާއި، އެއީ ޔާމީން ޑިޒިޝަނެއް، މިއަދު ޔާމީން ހަނދުމަފުޅު ނުހުންނަނީ،" އަދީބު ވިދާޅުވިއެވެ.