ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް ކަމެއް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުން ދަނީ ސައްހަނޫން ރިޕޯޓެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އެ ރިޕޯޓާއި ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން، އެ ރިޕޯޓްގައި ބޭނުން ކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުން ތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ދައުރު ކުރަމުންދާ ސައްހަ ނޫން އެ ރިޕޯޓުގައި އޭރުގެ އެކްޓިންގ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްްގެ ނަމުގައި ބޭނުން ކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓް ތަކުގައި ސޮއި ކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖް ކޮށްގެންކަން ކަމަށް ފުލުހުން ބުންޏެވެ.
"އެހެން ކަމުން މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުން ތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީ ކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖު ކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަ ތަކެއް ހިމެނޭ ރިޕޯޓެއްކަން ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
މި ރިޕޯޓް އުފެއްދައި ދައުރު ކުރަމުންދާ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުން ދާތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެކޮމިޝަނުން އެދިފައި ވާތީ، އެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.