އަތުހަރު މަރުވެއްޖެ

އަތުހަރު މަރުވެއްޖެ

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި، އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހުމުގެ ސަބަބުން ހާލު ސީރިއަސްވެ އައިޖީއެމްއެޗުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އަތުހަރު މަރުވެފައިވަނީ މިއަދު 16:08 ގައި ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަތުހަރު މަރުވި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

"އާދަމް އަތުހަރަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި ރޭގެ ވަގުތެއްގައި އޭނާ ބަންދުގައި ހުރި ޖަލުގައި ދަންޖެހުމާއި ގުޅިގެންނެވެ. އާދަމް އަތުހަރު ނިޔާވީ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓްޕްސީއެއް ހެދުމަށް މިހާރު ވަނީ ނިންމާފަ އެވެ" ފުލުހުން ބުންޏެވެ.

ފުލުހުން ރޭ ބުނެފައިވަނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލުން އޭނާ މަރުނުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

ފުލުހުން މިއަދު ވަނީ އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ޓައިމްލައިނެއް އާންމުކޮށްފަ އެވެ. ޓައިމްލައިންގައި ފުލުހުން ބުނީ އަތުހަރު ދަންޖެހިފައިހުއްޓާ ފެނުނީ ރޭ 7:02 ގައި ކަމަށެވެ. އޭނާ ދަންޖެހިފައިހުއްޓާ ފެނުމުން ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށް ފުލުހުން ބުންޏެވެ. ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އަތުހަރު ނެރެގެން މިނެޓެއް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށެވެ. އަދި އަށް މިނެޓް ފަހުން އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އައިޖީއެމްއެޗު އިމަޖެންސީއަށް އޭނާ ގެންދެވުނީ 7:25 ގައި ކަމަށް ފުލުހުން ޓައިމްލައިންގައި ބުންޏެވެ.

އަތުހަރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއަށް އަނިޔާކޮށް، ވަޅިން ބިރު ދައްކައިގެން ރަހީނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ އަތުހަރު ބޮލަށް މުގުރުން ހަމަލާ ދިނުމަށްފަހު އެވެ. އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އަތުހަރަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ފަރުވާއަށްފަހު އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަތުހަރުގެ ހާލު ދެރަވެ ހޮޑުލާތީ ފަހުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކުރި އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރީ ފުލުހުންގެ ބަންދުކޮށްފައި ހުއްޓަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *