"ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
ބީކޭއެމްޔޫއިން އެކަން ރައީސަށް ހުށަހަޅާފައިވަނީ، ރައީސް އާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބޮޑުކަންނެލީގެ މަސްވެރިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް، ބީކޭއެމްޔޫގެ މެންބަރުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ، ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުންވެސް މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް މިހާރު ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް ވެސް އެބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން ބީކޭއެމްޔޫގެ ބޭފުޅުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައިވާ ކަަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މި ބައްދަލު ކުރެއްވުުމުގައި ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.