ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީ މި އަހަރުގެ ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އިބްރާހީމް އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އިކްރާމް ހައްޔަރުކުރީ އޭނާ ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައެވެ. އޭނާގެ އިތުރުން ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލް ވެސް ހައްޔަރު ކުރިއެވެ.
ފުލުހުން ވަނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ޖިނާހުގެ ބަންދަށް 15 ދުވަސް އަދި އިކްރާމްރަހުމާން އާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު އިބްރާހިމް އިކްރާމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުފާނު ކުރިއެވެ. ހައި ކޯޓުން އިއްޔެ ހުކުމް ކުރީ އިކްރާމްއަށް ވަކީލެއްގެ ފުރުސަތު ދީފައިނުވާތީ، ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ މެންދަމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިހުސާން ރޭ ވަނީ އިކްރާމް، ބަންދު ދޫކުރުމަށް ހައި ކޯޓުން ހުކުމް ކުރި މައްސަލައިގައި ފުލުހުންގެ ފަރާތުން އިހުމާލެއް ވެފައިވާނަމަ އެ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
"މިކަން (އިކްރާމް ދޫވުން) ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ އެ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ،" އިހުސާން ވިދާޅުވިއެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ފުލުހުން އަމުރަށް އެދި ކުރިމިނަލް ކޯޓަށް ފޯމު ހުށަހެޅީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް ފޯމު ހުށަހަޅާފައިވަނީ 7:23 ގައި ކަމަށެވެ. އިކްރާމްގެ ފަރާތުން ވަކީލަށް ރުހުން ދީފައިވަނީ 8:28 ގައި ކަމަށާއި ފުލުހުންގެ ފަރާތުން ވަކީލު އައްޔަން ކޮށްފައިވަނީ 9:52 އަދި ވަކީލު އައްޔަންކުރެވިފައިވާކަން ވަކީލަށް އަންގާފައިވަނީ 10:06 ގައި ކަމަށެވެ.
އިކްރާމް، ކޯޓަށް ހާޒިރުކުރީ 10:00 ގައި ކަމަށާއި އަދި ބަންދު މަޖިލިސް ފަށައިފައިވަނީ 10:04 ގައި ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވިއެވެ.
އެ ގަނޑިތަކަށް ބެލުމުން ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަންކޮށްފައިވާ ކަމާއި އަދި ވަކީލަށް އެކަން އެނގިފައިވަނީ ބަންދުގެ މަޖިލިސް ފެށުނު ފަހުންކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ގަނޑިތަކަށް ބެލުމުން އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރަނީ ކޮން ކޯޓަކަށްކަން ބެލުމަށް އެކަށީގެންވާ ފުރުސަތު ވަކީލަށް ލިބިފައިނުވާކަން އެނގޭ ކަމަށެވެ.
އިކްރާމްގެ ފަރާތުން ވަކީލަކު އައްޔަންކޮށްފައިވާކަން ފުލުހުންގެ ފަރާތުން ކޯޓުގެ ސަމާލު ކަމަށް ގެނެސްފައި ނުވަނީ އެކަން އެނގިފައިނުވާތީ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން، އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރީ އޭނާ ވަކީލަކު އައްޔަންކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން ދަށު ކޯޓަށް އެ މައުލޫމާތު ލިބިފައިނުވާތީ ކަމަށެވެ.
ނަމަވެސް ބަންދު މަޖިލިސްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވަކީލަކު އައްޔަންކޮށްފައިވޭތޯ ގާޒީ ސުވާލު ކުރަންވާނެ ކަމަށް ހައި ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުގެ މަތިން ގާޒީ ވަނީ ސުވާލުކޮށްފައި ކަމަށާއި އިކްރާމް ވަނީ ބަންދު މަޖިލިސްގައި ވަކީލެއްގެ ފުރުސަތު ހޯދަން އެދިފައިވާ ކަމަށް، ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އިކްރާމް ވަކީލަކު އައްޔަންކޮށްފައިވާކަން އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އިކްރާމް ވަނީ އެފަދަ އެއްވެސް ސުވާލުތަކެއް ދަށު ކޯޓުގެ ގާޒީ ނުކުރައްވާކަން ހައި ކޯޓުގައި ފާހަގަ ކޮށްފައި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލައިގެ ދެ ފަރާތުން ދައްކާފައިވާ ވާހަކަތައް ދިމާނުވާތީ ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އެ ޝަރީއަތުގެ ރިކޯޑިން އަޑު އަހައިފައެވެ. ރިކޯޑިން އަޑުއެހުމުން ވަކީލަކު އައްޔަން ކުރުމުގެ ހައްގާ ގުޅޭގޮތުން ގާޒީ ވެސް އަދި މައްސަލައިގައި ޝަމިލުވާ އެއްވެސް ފަރާތުން ވާހަކަ ދައްކާފައިނުވާކަން އެނގުނު ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ވީމ،ާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައިވާތީ، މި ކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި، ތަހުގީގު ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ގާނޫނީ ވަކީލުން އައްޔަންވުމުގައި ކަންހިނގާ ގޮތަކީ، އެންމެ ފުރަތަމަ ވަކީލު އައްޔަންވާން ޖެހެނީ ފުލުހުންގެ ހިދުމަތަށް ކަމަށާއި ފުލުހުންގެ ފަރާތުން ވަކީލު ބަލައިގަނެ އެކަން ސީދާ ވަކީލަށް އަންގާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ވަކީލު ބަލައިގެންކަން ފުލުހުންގެ އިދާރާގެ ފަރާތުން އެންގުމުގެ ކުރިޔަށް، ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަން ކުރެވޭ ވަކީލަކަށް ނުދޭނެ ކަމަށް ފުލުހުންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން، ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިން މިމައްސަލައިގައި މުއްދަތު ޖަހާނެ ގަޑި އާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އޮތް ކަމަކަށް އަހުރެންނަކަށް ގަބޫލެއް ނުކުރެވެއެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
"ވަކީލެއްގެ ފުރުސަތަށް އެދި ހެނދުނު 7:23 ގައި ފޯމު ހުށަހަޅާފައިވާ އިރު، ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އެ ދުވަހުގެ ހެނދުނު 10:00 ގައި ކޯޓަށް ހާޒިރުކޮށްގެން ބަންދުގެ މަޖިލިސް ކުރިޔަށް ގޮސް، އެ މަޖިލިސް ނިމުނުއިރު ވެސް، އިޝާރާތް ކުރެވުނު ބަންދުގެ މަޖިލިސް ބާއްވާނެ ތަނެއް އަދި ގަޑިއެއް ވަކީލަށް އަންގާފައި ނުވެއެވެ. އަދި ވަކީލަކު އައްޔަންވުމަށް އެދި ފޯމެއް ހުށަހަޅާފައިވާކަން ފަނޑިޔާރުގެ ސަމާލުކަމަށް ވެސް ގެނެސްފައި ނުވެއެވެ،"
މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ނަތީޖާއަކީ ވަކީލަކާ އެކު ބަންދުގެ މަޖިލިސް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިގެން ދިޔުމުގެ އިތުރުން ވަކީލަކާ އެކު ބަންދުގެ މަޖިލީހުގެ މުއްދަތު ކުރިއަށް ގެންދިޔުމަށް އެދިފައިވާކަން ދަށު ކޯޓުގެ ފަނޑިޔާރަށް ވަންހަނާވުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އަސަރުކޮށްފައިވާތީ، އެބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް އިންތިޒާމުތައް ރާވަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ފައިސަލް ރައުޔުގައި ވިދާޅުވީ އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ހައްގެއް ތަންފީޒުކުރުމަށް އެދިފައިވަނިކޮށް އެ ފުރުސަތު ލިބިދިނުމެއް ނެތި ދަށު ކޯޓުން ނެރެފައިވާ އަމަލު ބާތިލުކުރަން ފެންނަ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ތާއީދުކުރެއްވިއެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.