މިމަހު 15 ގެ ކުރިން އެސްޓީއޯ އަށް 1.5 މިލިޔަން ރުފިޔާ ދޭން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

މިމަހު 15 ގެ ކުރިން އެސްޓީއޯ އަށް 1.5 މިލިޔަން ރުފިޔާ ދޭން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިސޭޝަން (އެސްޓީއޯ) އަށް 1.5 މިލިޔަން ރުފިޔާ ދޭން ފުޓްބޯޅަ އެއޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ، އެފްއޭއެމް އިން ކުރިއަށް ގެންދާ "ދިވެހި ލީގު" ގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓް ބޯޅާ މުބާރާތެއް ބޭއްވުމަށް އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުވެފައިވާ އެއްބަސް ވުމުގެ ދަށުން ފުޓްބޯޅަ މުބާރާތް ރާވައި އިންތިޒާމުކޮށް ހިންގުމަށް ސްޕޮންސާޝިޕް ފީގެ ގޮތުގައި އެސްޓީއޯ އިން އެފްއޭއެމްއަށް 1.5 މިލިޔަން ރުފިޔާ ދައްކާފައިވަނިކޮށް އެ އެއްބަސްވުމާ އެފްއޭއެމް އިން ހިލާފްވެފައިވާ މައްސަލައެކެވެ.

އެފްއޭއިން އެއްބަސްވުމާ ހިލާފްވެފައި ވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސް ވުމާ އެއްގޮތަށް މުބާރާތް އިންތިޒާމުކޮށް ބާއްވާފައި ނުވާތީ އެވެ.

އެހެންކަމުން އެފްއޭއެމް އިން އެއްބަސްވުމާ ހިލާފްވެފައިވާ ކަމަށް ކަނޑައަޅައި، އެސްޓީއޯއިން ސްޕޮންސާޝިޕް ފީގެ ގޮތުގައި ދައްކާފައިވާ 1.5 މިލިޔަން ރުފިޔާ އެފްއޭއެމްގެ ކިބައިން ހޯދުމަށްއެދި އެސްޓީއޯއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

މި ދައުވާގައި ބުނެފައި ވަނީ، އެ މުބާރާތް ފަށާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ، ހަތަރެއް ޑިސެމްބަރު 2022 ވަަނަ ދުވަހު މުބާރާތް ފަށާފައި ނުވާތީ އެ މުބާރާތް ބޭއްވޭނެ ތާރީހެއް އަންގައި ދިނުމަށް ތަކުރާރުކޮށް އެފްއޭއެމްގައި އެސްޓީއޯއިން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އެއްވެސް ކަމަކަށް އެފްއޭއެމުން ޖަވާބުދީފައި ނުވާ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

އެހެންކަމުން އެސްޓީއޯއިން ހުށަހެޅި ހެކިތަކަށް ބަލައި، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ އެފްއޭއެމްއިން ހިލާފްވެފައިވާ ކަމަށާއި، "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ސްޕޮންސާ ފީގެ ގޮތުގައިދީފައިވާ 1.5 މިލިޔަން ރުފިޔާއަކީ އެސްޓީއޯ އަށް އަނބުރާ ރައްދު ކޮށްދޭންޖެހޭ ފައިސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އެ ފައިސާ އެސްޓީއޯއަށް ލިބި ދިނުމުގެ ގޮތުން މިމަހު 15 ގެ ކުރިން އެ ހުރިހާ ފައިސާއެއް ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްއަށް އަންގައި ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *