ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިންގަޕޫރުގެ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯ ނެގި ކަމަށް ބުނާ ދިވެހި މީހާ، ރާއްޖެ އައުމުން އޭނާގެ ފޯނު ހިފަހެއްޓުމަށް ފަހު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް މުއިއްޒާއި މަނިކުފާނުގެ އާއިލާއާ މިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޝޮޕިން މޯލްއެއްގައި އުޅުއްވަނިކޮށް ނަގާފައިވާއެ ފޮޓޯ ލީކުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެނގިފައިވާ ގޮތުގައި މި ފޮޓޯ ނެގި ކަމަށް ތުހުމަތުވާ މީހާގެ ފޯނު ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އޭނާ ސިންގަޕޫރުން ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގައި ހުއްޓަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފޯނު ހިފަހައްޓާފައި ވަނީ ރައީސްގެ "ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އަމަލުކޮށްފައިވާ" މައްސަލައަކާ ގުޅިގެން ކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރުމުން،" އޭނާ ވިދާޅުވި އެވެ.
ލީކްކޮށްލި ފޮޓޯއިން ރައީސް އާއި ރައިސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފެނެ އެވެ. އޭގެ އިތުރުން ރައީސްގެ ދަރިކަނބަލުން ވެސް އަރިހުގައި ހުރިތަން ފެނެ އެވެ. އޭގެ އިތުރުން، ރައީސްގެ ތިން ބޮޑީގާޑުން ވެސް ހަރަކާތްތެރިވާތަން އެ ފޮޓޯއިން ފެނެ އެވެ.