މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ އިބްރާހިމް އިކްރާމް ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ ކުރިމިނަލް ކޯޓުގެ އަމުރު، ބާތިލު ކަމަށް ކަނޑައަޅައި ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އިކްރާމް ރޭސިން ކާރު ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ވަނީ އެކްސިޑެންޓުވެފައެވެ. އެ އެކްސިޑެންޓާ ގުޅިގެން، އިކްރާމް ފިލައިގެން އުޅެނިކޮށް އެރޭ ހައްޔަރު ކުރިއެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. އިކްރާމް ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެ މައްސަލައިގައި އިކްރާން އެދިފައި ވަނީ އޭނާ ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް ކޯޓަށް ހާޒިރު ކުރީ ވަކީލަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށް ވުމުން ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ދިނުމަށް އެދޭ ކަމަށެވެ.
ހައި ކޯޓުން މިއަދު ކުރި އެ މައްސަލައިގެ ހުކުމުގެ ރައުޔުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ އަދި ބަންދުކުރާ މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެއީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އިކްރާމް ހައްޔަރު ކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަން ވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 7:23 ގައި ކަމަށެވެ. މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަން ކުރިއެވެ. ވަކީލު އައްޔަން ކުރިކަން ވަކީލަށް އެންގީ 10:06 ގައެވެ. އެކަމަކު 10:00 ގައި ތުހުމަތު ކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ވަނީ ފަށައިފައި ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
"މި ތާވަލަށް ބެލުމުން ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަނު ކޮށްފައިވާ ކަމާއި އަދި ވަކީލަށް އެކަން އެންގިފައި ވަނީ ބަންދުގެ މަޖިލިސް ފެށުމަށް ފަހުންކަން އެނގެއެވެ. އަދ،ި ކުށުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރަނީ ކޮން ތަނަކަށްކަން ނުވަތަ އެފަދަ އެއްވެސް މައުލޫމާތެއް ވަކީލެއްގެ ގޮތުގައި އައްޔަނު ވުމުގެ ކުރިން ހާމަ ނުކުރާނެކަން ދިވެހި ފުލުހުންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވާއިރު، ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލަށް އެ މައުލޫމާތު ސާފު ކުރެވެން ނެތްކަން ކަންހިނގައި ދިޔަ ގޮތަށް ބެލުމުން އެނގެއެވެ. އަދި ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަނު ވެފައިވާކަން ބަންދުގެ މަޖިލީހުގައި ބައިވެރި ފުލުހަށް އެނގިފައި ނުވާތީ އެކަން ކޯޓާ ހިއްސާ ކޮށްފައި ނުވާކަން ދިވެހި ފުލުހުންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ބަންދާމެދު ގޮތެއް ނިންމި މަޖިލީހުގައި އެ ފަރާތް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ އޭނާއަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގެ ހައްގަށް އެދިފައިވަނިކޮށް އިދާރީ އިންތިޒާމްތައް ރޭވިފައިވާ ގޮތުން އޭނާއަށް އެ ހައްގު ތަންފީޒު ކުރުމަށް ފުރުސަތު ނުލިބި ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
"ކުރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލިސް ރިކޯޑިން މިކޯޓުން ހޯދައ،ި މުއްދަތު މަޖިލީހުގައި ވަކީލުގެ ހައްގާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ވޭތޯ ބެލިއިރު އެފަދަ އެއްވެސް ކަމެއް އެ މަޖިލީހުގައި ފަނޑިޔާރުގެ ފަރާތުންވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން ފަރާތަކުންވެސް ފާހަގަ ކޮށްފައި ނުވެއެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން އެހެން ހުރުމުން މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ނަތީޖާއަކީ ވަކީލަކާއެކު ބަންދުގެ މަޖިލިސް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު އިސްތިއުނާ ފުކުރާ ފަރާތަށް ގެއްލިގެން ދިޔުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ ފަނޑިޔާރު ފައިސަލް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަންޖެހޭ ކަމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދު ކޮށްފައެވެ.
އެހެންވެ އިއްތިފާގުކުން އެ މައްސަލައިގައި ކުރި ހުކުމުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލުކުރާ ކަމަށެވެ.