ބްރެޒިލްގެ ސްޕްރީމް ކޯޓުން އެ ގައުމުގައި އެކްސް މަނާ ކޮށްފިއެވެ.
ކޯޓު އަމުރާ ޚިލާފަށް އެކްސް ބޭނުން ކުރުމަށް ވީޕީއެން ފަދަ ޓެކްނޮލޮޖީއެއް ބޭނުން ކޮށްފިނަމަ، 9،000 ޑޮލަރާއި ހަމައަށް އެ މީހަކު އަދި ވިޔަފާރި ކުންފުނިވެސް ޖޫރިމަނާ ކުރާނެ ކަމަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
ބްރެޒިލްގެ ސްޕްރީމް ކޯޓުން، ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް ނެރުއްވި އަމުރުގައި އެކްސްއާއި ބެހޭ ގޮތުން ބޮޑެތި ތުހުމަތު ތަކެއް އޮތީ ކުރައްވާފައެވެ. މި ގޮތުން ބްރެޒިލްގައި ތިބި ޚާއިނުންނާއި ގުޅިގެން ދައުލަތަށް ޖެއްސުން ކުރަން އެކްސްއިން އެހީތެރިވާ ކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވި ގޮތުގައި ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް އަކީ ޑިމޮކްރަސީ ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ އަކީ ރައްޔިތުންގެ އެއްވެސް ހިއްސާއެއް ނެތި ފަނޑިޔާރެއްގެ މަގާމަށް ވަޑައިގެންފައި ހުންނެވި ބޭފުޅަކަށް ވާތީ އާންމު ރައްޔިތުންގެ އިހުސާސް އެނގިވަޑައި ނުގަންނަވަނީ ކަމަށްވެސް، މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވިއެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި އެކްސް އާއި ބްރެޒިލްއާއި ދެމެދު ނުތަނަވަސްކަން އުފެދެން މެދުވެރިވީވެސް ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސްއެވެ. އޭނާ ވަނީ ބްރެޒިލްގައި ބޭނުން ކުރެވޭ އެކްސްގެ އެކައުންޓް ތަކެއްގެ މައުލޫމާތު ހޯދުމަށް އެދިވަޑައިގެންފައި ކަމަށްވެސް މަސްކް ވިދާޅުވި އެވެ.
ބްރެޒިލަށް މައުލޫމާތު ބޭނުން ވެގެން އެކްސްއަށް ހުށަހެޅި ބައެއް އެކައުންޓް ތަކަކީ އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބޭނުން ކުރައްވާ އެކައުންޓް ތަކެއް ކަމަށް މަސްކް ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ޤާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގެންފައި ތިބި މެމްބަރުން ބޭނުން ކުރައްވާ އެކައުންޓްތަކާއި ގުޅޭ މައުލޫމާތު ސްޕްރީމް ކޯޓުން އެދުނު ގޮތަށް އެކްސްގެ މެނޭޖްމަންޓުން ނުދިނުމުން ކަންތައް ގޯސްވީ ކަމަށްވެސް މަސްކް ވިދާޅުވިއެވެ.