ރަހީނުކުރި މީހާ ސަލާމަތް ކުރަން ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް، މައްސަލަ ތަހުގީގު ކުރާކަށް ނާންގަން: މިނިސްޓަރު

ރަހީނުކުރި މީހާ ސަލާމަތް ކުރަން ފުލުހުން ކުރީ ހިތްވަރުގަދަ މަސައްކަތެއް، މައްސަލަ ތަހުގީގު ކުރާކަށް ނާންގަން: މިނިސްޓަރު

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރިގޮތުގެ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގާކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތަހުގީގެއް ހިންގަން އަންގާފައި ނުވާނޭ ކަމަށެވެ. އަދި ރަހީނުކޮށްފައި ހުރި އަންހެން ކުއްޖާ ސަލާމަތް ކުރަން ފުލުހުންކުރީ، ހިތްވަރުގަދަ މަސައްކަތެއް ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. އެކުއްޖާ ސަލާމަތް ކުރަން ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތަށް މިނިސްޓަރު ވަނީ ސާބަސް ދަންނަވާފައެވެ.

މާލޭގެ މަގުމަތީގައި ވަޅި އަކުން ބިރު ދައްކައިގެން އަންހެން ކުއްޖަކު ރަހީނު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރު ނަމަކަށް ކިިޔާ މީހެކެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން އަންހެން މީހާ ވަނީ ސަލާމަތް ކޮށްފައެވެ. މި ހާދިސާއަށް ފަހު އަންހެން މީހާ އާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާ ތަކެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލާފައި ވާއިރު އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ހަރަކާތްތެރިވި ގޮތަށް ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއުވެސް ވަނީ ތައުރީފު ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *