ބުރިޖުން ލޭނެއް މަދެއްނުވާނެ، ކީރިތި ކުރެއްވުނީ ބުރިޖު ހުޅުވުން ކެންސަލް ކަމަށް ޔާމީން ވިދާޅުވުމުން: ރައީސް

ބުރިޖުން ލޭނެއް މަދެއްނުވާނެ، ކީރިތި ކުރެއްވުނީ ބުރިޖު ހުޅުވުން ކެންސަލް ކަމަށް ޔާމީން ވިދާޅުވުމުން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކީރިތި ކުރައްވަންދެން އެމަނިކުފާނަށް "ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ދެއްކެވި ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފުސީލު ކޮށްދެއްވައިފި އެވެ.

"ސަންގު ޓީވީ"އަށް މިރޭ ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވީ އަބްދުއްރަހީމް އެ ވާހަކަތައް ދެއްކެވީ މާބޮޑު ތަފްސީލަކަށް ނުގޮސް ވަރަށް ކުރު ގޮތަކަށް ކަމަށެވެ.

އެކަން ތަފުސީލު ކޮށްދެއްވާ ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ކަންކަން އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރީ އޮކްޓޫބަރު/ނޮވެންބަރު 2014 އިގަ އެވެ. އޭގެ ކުރިން އެ ޕްރޮޖެކްޓުގެ އެއްވެސް ކަމެއްގައި އެ މަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ޕްރީ ފީސިބިލިޓީ ސްޓޭޖާއި ފީސިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއިލް ޑިޒައިންގެ ހުރިހާ މަރުހަލާއެއް ދިޔައީ އެ މަނިކުފާނު ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ ޕްރޮޖެކްޓުގެ ކަންކަން ހިންގަން ފެށި ފަހުން ބްރިޖުގެ ލޭނުގެ އަދަދު މަދުވެފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބްރިޖު ހުޅުވަން ގާތްގަނޑަކަށް މަހެއްހާ ދުވަހެއް ވެފައި ވަނިކޮށް ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މަޝްރޫއު ނިމެން ގާތްގަނޑަކަށް މަހަކަށް ކައިރިވެފައި އޮއްވައި ރައީސް ޔާމީން، އެއިރު އޮންނާނެ ބުރިޖު ކޮމިޓީއެއް ހައްދަވާފަ އެ މަނިކުފާނު. އަޅުގަނޑުމެން ކޮމިޓީއަށް ގެންދަވާފަ ވިދާޅުވީ މިއީ ސައިކަލު ދުއްވަން، ސައިކަލެއް ވަކި ލޭނެއް، ފިޒިކަލީ ވަކިކޮށް ލޭނެއް އޮންނަން ޖެހޭނެ ކަމެއް. ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި ވަކި ލޭނެއް އެގޮތަށް ކަނޑައަޅަން،" ރައީސް ވިދާޅުވިއެވެ.

ޔާމީން އެގޮތަށް އެދިވަޑައިގަތުމުން އެކަމަށް އިހުތިރާމް ކުރައްވައި ޔާމީން އެދިވަޑައިގެންނެވި ގޮތަށް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ޗައިނާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް އެގޮތަށް ކުރެވޭނެ މަގެއް ނުފެނުނު ކަމަށެވެ. އަދި ބްރިޖު ހުޅުވާ ތާރީހު ވެސް ކަނޑައަޅާ ޗައިނާއިން ވަޑައިގަންނަވާނެ އިސް ބޭފުޅުންގެ މައުލޫމާތު އެ ގައުމުން އަންގާފައި ވަނިކޮށް ޕީޕީއެމްގެ އޮފީހުގައި ރައީސް ޔާމީން ސަރުކާރާއި ޕާޓީގެ އިސް ބޭފުޅުންނާ އެކު ބައްދަލު ކުރެއްވި ކަމަށެވެ.

"މިހެން އޮއްވައި އެއް ދުވަހަކު އަޅުގަނޑު ހަނދާންވޭ ހުކުރު ދުވަހެއް އެއީ. ހުކުރު ދުވަހެއްގެ މެންދުރުފަހު މަޖިލިސް ރައީސް އެ ވިދާޅުވި ފަދައިން ސަކީނާ މަންޒިލުގެ އެއިރު ޕާޓީ އޮފީސް ހުންނާނީ. އަޅުގަނޑުމެން އެންމެނަށް ވިދާޅުވެއްޖެ ވަޑައިގަންނަވަން. ދެން އަޅުގަނޑުމެން ދިޔައީމު، މިނިސްޓާސް، އެމްޕީސް ޕާޓީގެ އިސްވެރިން ވަރަށް ބައިވަރު 40 އަށްވުރެ ގިނަ މީހުން ތިބޭނެ އެތާ. ދެން ވިދާޅުވީ އެތާ އެންމެން ހާޒިރުގައި މި ބުރިޖު ނުހުޅެވޭނެއޭ. މީގަ ސައިކަލަށް ވަކި ލޭނެއް ނެތޭ. ފިޒިކަލީ ވަކިން ބެރިއާ ކޮށްފަ ލޭނެއް އޮންނަން ބޭނުންވެޔޭ އެހެން ނޫނީ އެކްސިޑެންޓްސްތައް ވާނެއޭ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ގެއަށް ވަޑައިގަތީމަ އަނެއްކާވެސް އަޅުގަނޑު ފޯނު ކޮށްފިން. ފޯނު ކޮށްފަ އަޅުގަނޑު ދެންނެވީ މިހާ ލަސްވެފަ، އެއިރު ހަފުތާއަކަށްވެފަ އޮތީ ހުޅުވަން، ހަފުތާއެއް އޮތީ ހުޅުވަން، އަޅުގަނޑު އެދެވޭ އަދިވެސް ރީކޮންސިޑާ ކޮށްދެއްވާ. ބުރިޖު ނުހުޅުވައިފިއްޔާ ދެގައުމުގެ ގުޅުމަށް ވެސް މީގަ ވަރަށް އަސަރު ކުރާނެ ނުންހެއްޔޭ. އަޅުގަނޑު މިއޮތީ ހަމަގައިމުވެސް ހުރިހާ ގޮތަކުން ޓްރައި ކޮށްފައޭ، ރައީސް ވިދާޅުވި ހިސާބުން މީގަ ވަކި ލޭނެއް ކަނޑައަޅަން، ފިޒިކަލީ ބެރިއާޑް ވަކި ލޭނެއް ކަނޑައަޅަން. އޭގެ ކުރިން އެއްވެސް އިރަކު އެ ވާހަކަ ނުދައްކައި އޮވެފައި އެހެން ދިޔައީމަ ދެއްތޯ އަޅުގަނޑުމެންނަށް މިވީ ދެން. ދެން ވިދާޅުވެއްޖެ އާނ، އެންމެ ރަނގަޅޭ ދެން މިހާރު ތިއޮތްގޮތަށް ކުރިއަށް ގެންދާށޭ މައްސަލައެއް ނެތޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ބުރިޖު ހުޅުވުން ކެންސަލް ކަމަށް ޔާމީން ވިދާޅުވުމުން ކީރިތި ކުރެއްވުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ބުރިޖުގެ މަސައްކަތް އެ މަނިކުފާނު ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށްވުމުގެ އިތުރުން ބުރިޖު މަޝްރޫއުގެ ނިންމަން ކަނޑައަޅާފައިވާ ތާރީހުގެ ދެމަސް ދުވަހުގެ ކުރިން އެފަދަ ބޮޑު މަޝްރޫއެއް ނިންމާލެވުނީތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *