އަމިއްލަ ދަތުރުގައި މުލިއާގޭގެ ބަޖެޓުން ފައިސާ ބޭނުން ނުކުރައްވަން: ރައީސް

އަމިއްލަ ދަތުރުގައި މުލިއާގޭގެ ބަޖެޓުން ފައިސާ ބޭނުން ނުކުރައްވަން: ރައީސް

އެ މަނިކުފާނު ކުރައްވާ އަމިއްލަ ދަތުރުފުޅުތަކަށް މުލިއާގޭގެ ބަޖެޓުން ފައިސާ ބޭނުން ނުކުރައްވާ ކަމަށާއި އަމިއްލަ ދަތުރުތަކަށް ހަރަދުކުރައްވަނީ އަމިއްލަފުޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއެއްގައި ރައީސް މިރޭ ވިދާޅުވީ އުސޫލުތަކެއްގެ ތެރެއިން މުލިއާގޭގެ ބަޖެޓުން އަމިއްލަ ދަތުރުފުޅުތައް ކުރެވެން ހުންނަ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބަޖެޓުން އަމިއްލަފުޅު އެއްވެސް ދަތުރުފުޅަކަށް ބޭނުން ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރުސަތު އޮތަސް އެ ކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި އެވެ.

"އެކަމު މިއަދާ ހަމައަށް އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓު ވިއަސް، އެކޮމޮޑޭޝަން ވިއަސް، އެއްވެސް ޚަރަަދެއް، އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުން ވިޔަސް ކުދިން ވިޔަސް އެއްވެސް މީހެއްގެ ޚަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނޯންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ހުވާކުރެއްވުމަށްފަހު މުލީއާގޭ މަރަމާތުކޮށް ނިމެންދެން، އަމިއްލަފުޅު ގެކޮޅު މ. ދިމްޔާތުގައި ހުންނެވިއިރު ވެސް ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ.

އަދި ވިދާޅުވީ މުލިއާގޭގައި ކަރޯކޭ ސިސްޓަމެއްހުރި ދައްކާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްވެސް އެއްޗެއް މުލިއާގޭގައި ނުހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *