ރަހީނުކުރި ހާދިސާ: މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ އޮޕަރޭޝަނެއް

ރަހީނުކުރި ހާދިސާ: މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ އޮޕަރޭޝަނެއް

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުންނުވާނެ ކަމުގެ މިސާލެއް ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ ޝުޖާއު ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ. އިސްކަންދަރު ބިލްޑިންގައި ބޭއްވެވި މި ބައްދަލުވުމުގައި ފުލުހުންގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ޝުޖާއު ވަނީ ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ. ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާކަމަށާއި އެކަންކަން ބަލައިގަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ހެދުމަށް ޝުޖާއު އެދިވަޑައިގެންނެވި އެވެ.

ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *