ވަޅިން ބިރު ދައްކައި އަންހެން މީހާ ރަހީނު ކުރި ފިރިހެން މީހާ ހައްޔަރު ކޮށްފި

ވަޅިން ބިރު ދައްކައި އަންހެން މީހާ ރަހީނު ކުރި ފިރިހެން މީހާ ހައްޔަރު ކޮށްފި

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރު ދެއްކި ފިރިހެން މީހާ ހައްޔަރުކޮށް، އަންހެން މީހާ މިރޭ ސަލާމަތް ކޮށްފިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯ އަކުން ފެންނަނީ ފިރިހެނަކު ގެއެއްގެ ތެރޭގައި އަންހެނަކު ހިފަހައްޓައިގެން ހުރި ތަނެވެ. އެ ފިރިހެން މީހާ އަތުގައި އޮތް ވަޅި ވަނީ އަންހެން މީހާގެ ކަރުގައި ޖައްސައިފައެވެ. އެމީހާއަކީ ފުލުހުންނަށް ފިލަން ވެގެން އުޅުނު މީހެއް ކަމަށްވެއެވެ. އެ ފިރިހެން މީހާ ހިފަހައްޓައިގެން ހުރީ ދިވެހި އަންހެނެކެވެ. އެ ގޭގެ ދޮރު ކައިރީގައި ފުލުހަކު ވެސް މަޑުކޮށްލައިގެން ހުއްޓެވެ.

އޭގެއިރުކޮޅެއް ފަހުން އާންމު ވީޑިޔޯގައި ފެންނަނީ ފިރިހެން މީހާ ސައިކަލް ފަހަތު ސީޓުގައި އިން ތަނެވެ. އެ ސައިކަލްގެ ކުރީ ސީޓުގައި އިނީ އަންހެން މީހާއެވެ. ސައިކަލްގެ ކުރީ ސީޓުގައި އަންހެން މީހާ ބައިންދައިގެން ވަޅި ޖައްސާފައިވާ ތަން ފެނެއެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރި ވަމުންދާއިރު، އެ ފިރިހެން މީހާއާ ކައިރިވާކަށް ފުލުހުންނަށް ނުކުރެއެވެ. އެއީ ފިރިހެން މީހާ، އެ އަންހެން މީހާ އަށް ދީފާނެ ހަމަލާއަކަށް ވިސްނާފައި ކަމަށް ބެލެވެއެވެ.

ވީޑިޔޯގެ ވަކި ހިސާބަކުން، ފިރިހެން މީހާ ސައިކަލްގައި ނައްޓާލައެވެ. އެކަމަކު، ދާ ތަނެއް ސާފެއް ނޫނެވެ. އަދި ފުލުހުންވެސް އެމީހާގެ ފަހަތުން ނައްޓާލާ މަންޒަރު ފެނެއެވެ. އޭގެ ފަހުން އާންމު ވީޑިޔޯއެއްގައި ފެންނަނީ މަގެއްގައި މީހުން ތޮއްޖެހިފައި އޮތުމުން ސައިކަލް ކުރިއަށް ނުދެވޭ މަންޒަރެވެ. އޭރުވެސް އެ މީހާ އިނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ.

ސައިކަލު މަޑުކޮށްގެން އިން ވަގުތު، ސައިކަލު ތަކެއްގައި އޭނާގެ ފަހަތުން އައި ފުލުހަކު ވަނީ އޭނާގެ ގައިގައި މުގުރަކުން ޖަހައި ސައިކަލާއެކު އޭނާ ބިންމައްޗަށް ވައްޓާލައިފައެވެ. އެ މީހާ ވެއްޓުނު ވަގުތު ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް، އަންހެން މީހާ ސަލާމަތް ކޮށްފައެވެ. ފުލުހުން ބުނީ، އަންހެން މީހާ ސަލާމަތް ކުރުމަށްޓަކައި ބާރުގެ ބޭނުން ކުރަން މަޖުބޫރުވީ ކަމަށެވެ. އަދި އެކަމުގެ ތެރެއިން ދެ މީހުންނަށްވެސް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިރިހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަންހެން މީހާ ގެންގޮސްފައި ވަނީ އައިޖީއެމްއެޗް އަށެވެ. އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.  ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓު ތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *