ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެ ބޭފުޅުންގެ އާއިލާ ތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ ޑިޕްލޮމެޓިކް މިޝަން ތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ، ފުލުހުން އިއްޔެ ދެ އަންހެނަކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ (47އ) އަދި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރު ފަހު 1:00 ހާކަންހާއިރެވެ. އެ ދެ އަންހެނުންނަކީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް އަޑު އުފުލަމުން އަންނަ ދެ އަންހެނުންނެވެ. އޭގެތެރެއިން ޝާދިޔާއަކީ ޝައިޚް ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި، ސަފީރާއި އޭނާގެ އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

"ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާ ތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.

ފުލުހުން ރޭ ބުނީ އެ މީހުންނަށް ކުރާ ތުހުމަތަކީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލަވައި، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުން ކަމަށެވެ.

އޭގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލު ތަކެއް ހިންގަމުން ގެންދިއުމާއި އެކަމާއި ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ފުލުހުން އެންގުމުން، އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ކުރެއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކުރުމުގެ ކުރިން އެފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *