ޚަރަދު ކުޑަކުރޭ، އެމްބަސީ ތަކުން ވަޒީފާދީފަ 100 މީހުން ނުފޮނުވައިވެސް އެބަތިބި: ޑިމޮކްރެޓްސް

ޚަރަދު ކުޑަކުރޭ، އެމްބަސީ ތަކުން ވަޒީފާދީފަ 100 މީހުން ނުފޮނުވައިވެސް އެބަތިބި: ޑިމޮކްރެޓްސް

ސަރުކާރުން ޚަރަދު ކުޑަކުޑަން ޖެހޭނީ ވާހަކައިން ނޫން ކަމަށާއި، އަމަލުން ކަމަށާއި، ރާއްޖެއިން ބޭރު ގައުމު ތަކުގައި ހުރި އެމްބަސީ ތަކުން ވަޒީފާ ދިނުމަށްފަހު، އެ ގައުމު ތަކަށް ނުފޮނުވައިވެސް 100 އެއްހާ މީހުން އެބަތިބި ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ދައުލަތުގެ މާލީ ކަންކަމާއި ބެހޭގޮތުން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮމޮކްރެޓްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބު ވިދާޅުވީ ޚަރަދު ކުޑަކުރަން ޖެހޭ މިވަގުތުވެސް ސަރުކާރުން ދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުން ކަމަށެވެ. ސަރުކާރު ޙިއްސާވާ ކުންފުނި ތަކުގައިވެސް ސިޔާސީ ބާރުގައި ލާފައިވާ މުވައްޒަފުން ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެންކަމުން ޚަރަދު ކުޑަނުކޮށް ދައުލަތް ސަލާމަތް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައިވެސް ފެންނަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ނުކުރެވި، ޚަރަދު ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭ ތަން" އިލްޔާސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ޙުސެން އަމްރު ވިދާޅުވީ 100 އެއްހާ މީހުންނަށް އެމްބަސީން ތަކުން ވަޒީފާ ދިނުމަށްފަހު ފޮރިން މިނިސްޓްރީއަށް މިހާރުވެސް ނެރެމުން އަންނަ ކަމަށް އެ ޕާޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ މީހުން އެމްބަސީ ތަކުގެ ވަޒީފާއަށް ގޮސް އެބަތިބި ކަމަށެވެ.

"އެމީހުންނަށް މުސާރަވެސް ދެނީ ޑޮލަރުން، އެމްބަސީ ތަކުގައި ތިބި އެންމެނަށް، ކިތައް މީހުން އެބަތިބި އެމްބަސީގައި. ކިތައް އެމްބަސީ އެބަހުރި. ކީއްތޯ އެމީހުން ކުރަނީ. ރާއްޖެއަށް ކޮން ކަމެއްތޯ ވަނީ. އެމްބަސީތައް ހުޅުވައިގެން ނަން ހުސްކޮށް އެމްބަސީތައް އެބަހުރި. މިހާރުން މިހާރަށް ބަންދު ކުރަންޖެހޭ ބައިވަރު އެމްބަސީތައް އެބަހުރި. މިގައުމަށް ކަނޑައަޅާފަ އެބަތިބި ދުނިޔޭގެ ގައުމު ތަކުން އެމްބެސެޑަރުން. މިތާ އެބަތިބިތޯ އެބޭފުޅުން. ނެތް. ލަންކާގަ ތިބެނީ ނޫނީ އިންޑިޔާގައި ތިބެގެން ރާއްޖެ ބަލަހައްޓަނީ، އެހެންވީމަ އަޅުގަނޑުމެންނަށްވެސް މެދުއިރުމަތީގައި، އެއް އެމްބަސީ، ޔޫރަޕްގައި އެއް އެމްބަސީ، އޭޝިޔާގައި އެއް އެމްބަސީ، ސައުތު އޭޝިޔާގައި އެއް އެމްބަސީ ބެހެއްޓީމަ ނިމުނީ،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނަމުން ދިޔަސް، ރައްޔިތުންނަށް ތެދު ހަގީގަތް ސާފުވާން އެބަޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *