ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުންދާކަން ސަރުކާރުން ހާމަ ކުރައްވައިފިއެވެ.
މިކަން ހާމަ ކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭސް ޑޮކްޓަރ މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރީންގެ މި ބައްދަލުވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ތަކުން އަރައިގަތުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ގެންނަވާނެ މުހިންމު ބަދަލު ތަކާމެދު އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާ ކުރައްވާފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.
އެގޮތުން ޤާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ހިމެނޭކަމަށާއި ޕެންޝަނާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި އިންކަމް ޓެކްސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މީރާގެ ތެރެއިން ގެންނަ އިޞްލާހީ ބަދަލުތައް ހިމެނޭކަން އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިގޮތުން ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލު ތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނި ތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު ޑޮލަރުން ދައްކާ ގޮތަށް ހަމަޖެއްސުމާއި ޑޮލަރުން މުސާރަދޭ ފަރާތް ތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުމާއި އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނި ތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމުގެ ތަފްޞީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.
މީގެއިތުރުން ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާ ކަންކަމަށް ގެނެވެން ހުރި ހައްލު ތަކާމެދު މަރުކަޒީ ބޭންކު، އެމް.އެމް.އޭއާ އެކުވެސް މަސައްކަތް ތަކެއް ކުރަމުން ދާކަން މި ބައްދަލުކުރެއްވުމުގައި ވަޒީރުން ފާހަގަ ކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި އަދި ކުރިޔަށް އޮތް ތަނުގައި ފެށުމަށް ތައްޔާރު ވަމުންދާ އިޤްތިޞާދީ މަސައްކަތް ތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެހެންމެ އެބޭފުޅުން ވަނީ ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ ބޭރުފައިސާގެ ފްލޯއަށް ހީނަރު ކަމެއް އަންނަ ދުވަސް ވަރެއްކަން ފާހަގަ ކުރައްވައި މިއަހަރު ނިމޭއިރު އިޤްތިޞާދީ ގޮތުން ހުރި ދަތިތައް ހައްލުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުންވެސް ކުރިއެރުން ހޯދާނެކަން ފާހަގަ ކުރައްވާފައެވެ.