ޓެލެގްރާމްގެ ސީއީއޯ އަދި ބިލިޔަނަރު ޕަވެލް ޑްރޯވް

ޓެލެގްރާމްގެ ސީއީއޯ ހައްޔަރު ކޮށްފި

ޓެލެގްރާމްގެ ސީއީއޯ ހައްޔަރު ކޮށްފި

ގިނަބަޔަކު މިހާރު ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިޔާގެ ވަސީލަތެއް ކަމަށްވާ ޓެލެގްރާމްގެ ސީއީއޯ އަދި ބިލިޔަނަރު ޕަވެލް ޑްރޯވް ފްރާންސުން އިއްޔެ ހައްޔަރު ކޮށްފިއެވެ.

ޓެލެގްރާމާއި ގުޅޭ ގޮތުން ބަލަމުން ގެންދާ މައްސަލަ ތަކެއްގެ ތަހުގީގަށް ޑްރޯވް ހައްޔަރު ކޮށްފައި ވަނީ އޭނާގެ ޕްރައިވެޓް ޖެޓުގައި ފްރާންސަށް ގޮސް، ފްރާންސުގެ އެއާރޕޯޓުގައި ހުއްޓައެވެ. އޭނާގެ އަތުގައި ފްރާންސާއި ރަޝިޔާގެ ރަށްވެހިކަން އޮވެއެވެ.

ކުޑަކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ފްރާންސްގެ ސަރުކާރުގެ އިދާރާއެއް ކަމަށްވާ "އޮފްމިން" އިން މީގެކުރިން ވަނީ މަކަރާއި ހީލަތާއި މަސްތުވާތަކެތި ޓްރެފިކިން އާއި ސައިބަ ބުލީން އަދި ރާވައިގެން ޖަރީމާތައް ހިންގުމާއި ޓެރަރިޒަމް ޕްރޮމޯޓް ކުރުން ފަދަ މައްސަލަ ތަކުގެ ތަހުގީގަށް ޑްރޯވް ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ.

ފުރާންސުން ތުހުމަތުކުރާ ގޮތުން ޑްރޯވް ވަނީ އެކި ކަހަލަ ކުށުގެ އަމަލުތައް ހިންގުމަށް ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައެވެ. ތަހުގީގު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ޑްރޯވް އަކީ ފްރާންސުން ހައްޔަރުކުރަން ބޭނުންވާ މީހެއްކަން އެނގި ހުރެ އޭނާ އެ ގައުމަށް ދިއުމުން އެކަމާ "ހައިރާންވާ" ކަމަށް ބުނެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރު ކުރާނެއެވެ. ފްރާންސުން ބުނީ ޖަރީމާ ތަކުގައި ޓެލެގްރާމް ބޭނުން ކުރަމުން ދާއިރު މި އެޕްގެ ފަރާތުން ޖަވާބު ދާރީނުވާ ކަމަށާއި ހުރިހާ ކަމަކުން ރެކިގެން އެޕްގެ ވެރިންނަށް މިހާރު "ލައްކަ ދުވަހު އުޅެވިއްޖެ" ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ފްރާންސުން ވަނީ ބުނެފައެވެ.

1 ބިލިއަނާ ގާތްކުރާ އަދަދަކަށް ޔޫޒަރުން ތިބި ޓެލެގްރާމްއަކީ ރަޝިޔާ، ޔޫކްރޭން އަދި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާ ތަކުގައި ވަކިން ޚާއްސަކޮށް ނުފޫޒު ފޯރުވާ ޕުލެޓްފޯމެކެވެ. އެއީ ފޭސްބުކް، ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ވެޗެޓް އަށް ފަހު ސޯޝަލް މީޑިޔާގެ ބޮޑެތި އެއް ޕްލެޓްފޯމްގެ ގޮތުގައި ރޭންކް ކުރެވިފައިވާ ޕްލެޓްފޯމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *