ވޯޓު ލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުންނަށް ލިބިގެންވާ އެންމެ ބޮޑު ބާރު ކަމަށާއި، ވީމާ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކުންވެސް ނުކުމެ ވޯޓު ލެއްވުމަށާއި، ވޯޓު ނުލައި ހަނު ތިބުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިފަދައިން ގޮވާލެއްވީ، ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕީއެސްއެމް އިން ތައްޔާރު ކޮށްފައިވާ ވީޑިޔޯއެއްގައެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ސާފު އިބާރާތުން ލިޔެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ހުރިހާ ބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން ކަމަށް ލިޔެފައިވާ ކަމަށާއި، އިންތިޚާބު ތަކުގައި ވޯޓުލުން އެއީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ހައްގު ކަމަށެވެ. އަދި ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައިގޮތް ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީން ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީ ހަދަމުން ދިޔައިރު، ވަކާލާތު ކުރަމުންދިޔަ އެންމެ ބޮޑު އެއް މަސްދަރަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން 18 އަހަރުން ފެށިގެން މަތީގެ ހުރިހާ އެންމެންނަށް ވޯޓު ދިނުމުގެ ހައްގު ހޯދައިދިނުން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރައްވާ އެމެރިކާގެ މަޝްހޫރު ބޭފުޅަކު ވިދާޅުވެފައިވާ ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ވޯޓުލުން މުހިންމުވާ ސަބަބުތައް އިތުރަށްވެސް ވިދާޅުވެފައެވެ.
"ވިދާޅުވެފައިވޭ ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އެއީއެއްނޫނޭ އެންމެ ބޮޑު ނިކަމެތި ކަމަކީ. އެންމެ ބޮޑު ނިކަމެތި ކަމަކީ ހެޔޮލަފާ ރަނގަޅު މީހުން ހަނު ތިބުމޭ" އެމެރިކާގެ ތަޖުރިބާކާރުގެ ވާހަކައިން މިސާލު ނަންގަވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ގޮވާލެއްވީ ވޯޓުލާން ނުގޮސް، ވޯޓުގައި ހަނު ނުތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
"ކޮންމެ އިންތިޚާބެއްގައިވެސް އެލިބޭ ހައްގު އަދާ ކުރައްވާ. ހަނު ތިބުން ދޫކޮށްލައްވާ" ޝާހިދު ވިދާޅުވިއެވެ.