ފުދިއްޖެ ފުދިއްޖެ، ރަނގަޅު މާލީ ސިޔާސަތެއް ނެތް، މި ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭ: ޝާހިދު

ފުދިއްޖެ ފުދިއްޖެ، ރަނގަޅު މާލީ ސިޔާސަތެއް ނެތް، މި ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭ: ޝާހިދު

ސަރުކާރުން ހަދަމުންދާ ގޯސް ތަކަށް އިތުރަށް ބީރު ކަންފަތެއް ނުދެވޭނެ ކަމަށާއި ސަރުކާރުން ހަދަމުންދާ މާލީ ގޯސް ތަކަށް މި ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ކަމަށް ވާނަމަ، މިއަދުން ފެށިގެން އެއިން އެއްވެސް ކާޑަކަށް ޑޮލަރުން ކުރާ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް އިއުލާނު ކުރުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އިގްތިސޯދު ކުރިއަރުވައި މާލީ ނިޒާމު ވަރުގަދަ ކުރުމުގެ ތަސައްވަރެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި އިގްތިސޯދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުން ދަނީ މާލީ ދާއިރާގެ ތަޖުރިބާކާރުން ވަޒީފާއިން ވަކި ކުރަމުން ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

"ރަނގަޅު މާލީ ސިޔާސަތެއް، ހަރުދަނާ ޚާރިޖީ ސިޔާސަތެއް އަދި އިގްތިސޯދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ގައުމު މިވަނީ މާލީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައި" ޝާހިދު ވިދާޅުވިއެވެ.

"އިނަފް އިސް އިނަފް، ދިވެހި ސަރުކާރުން ހަދަމުންދާ މާލީ ގޯސް ތަކަށް ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުން ހަދާ މާލީ ގޯސް ތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، އެގޮތުން ބީއެމްއެލްއިން ޑޮލަރު ލިމިޓް އިތުރަށް ކުޑަ ކުރުމުގެ ސަބަބުންވެސް ރައްޔިތުންނަށް ނޭދެވޭ ބޮޑެތި އަސަރު ތަކެއް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސްޓޫޑެންޓް ލޯން އަދި ސްކޮލާޝިޕް ތަކުގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ދިވެހި ސަރުކާރަށް ފޯރުކޮށް ނުދެވުމަކީ އިގްތިސޯދީ ކާރިސާއަކަށް ރާއްޖެ ދަމުންދާ ކަމުގެ އަލާމާތެއް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ، ހެދި މާލީ ގޯސްތައް ރަނގަޅު ކުރުމަށާއި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ހަމަޖައްސަން ސަރުކާރަށް ގޮވާލައްވާފައެވެ.

‎މީގެކުރިން ރާއްޖެއިން ބޭރުގެ މުއާމަލާތް ތަކަށް 250 ޑޮލަރުގެ ލިމިޓެއް އިނުމަށްފަހު، ފަހުން ވަނީ 750 ޑޮލަރަށް އެ އަދަދު މަތި ކޮށްފައެވެ. ނަމަވެސް މިހާރު އެ ހުރިހާ ލިމިޓެއް ބޭންކުން ވަނީ މިއަދުން ފެށިގެން އުވާލާފައެވެ. ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ޑޮލަރުގެ ލިމިޓަށް ދެން ހަދާނެ ގޮތެއް ބޭންކުން އަދި ހާމައެއް ނުކުރެއެވެ. އަލުން އިތުރު ގޮތެއް ހަދައިދޭނެ ކަމެއްވެސް ނުދޭނެ ކަމެއްވެސް ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *