ޖަލަށް ޑްރަގާއި ފޯނު ވައްދައިދިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ޖަލަށް ޑްރަގާއި ފޯނު ވައްދައިދިން ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން ބުނެފި އެވެ.

މިދިޔަ ޖޫން މަހުގެ 28 ގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ގުޅިގެން ވަނީ މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނަކީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގަ ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގެ ތެރެއިން ވަނީ ޖަލަށް ޑްރަގާއި ފޯނު ވައްދައިދޭ ކަމުގެ ތުހުމަތައް ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރު ކޮށްފައެވެ. ޕީޖީން މިއަދު ބުނީ އެ 13 މީހުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ދައުވާ ކުރަން ހުށަހަޅާފައި ވަނީ ރ. އިނގުރައިދޫ، އައިވަރީހައުސް، ޖިނާހް އަބްރުއްރަހީމް، ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް، ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލި އަސްފާގްގެ މައްޗަށެވެ.

ޕީޖީން ބުނީ ޖިނާހުއާއި ހިޝާމްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ ކަމަށެވެ. ނާޒިމް އާއި ފަތޫހުގެ އިތުރުން އަސްފާގުގެ މައްޗަށް ކޮށްފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް މިވަގުތު ހެކި ގާރީނާ ލިބިފައި ނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާނެ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތު ކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *