ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަމީމު ޕީޖީގެ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ އޭނާ އެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގައި މިރޭ ވޯޓަށް އަހަން ޖަލްސާ ކުރިއަށް ގެންދަނިކޮށެވެ.
ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވުމަށްފަހު ޝަމީމު އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއު އެއް ޝަމީމަށް ކިޔާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.
ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައި ފޮނުވި ސިޓީގައި ޝަމީމު ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމް ވިދާޅުވި އެވެ.
މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރި އެވެ. ބައްދަލުވުން ސިއްރު ނުކުރަން އެދި ޝަމީމް ސިޓީއެއް ފޮނުއްވި އެވެ. ނަމަވެސް، ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރު ކުރުމަށެވެ.
އެ ބައްދަލުވުމަށް ފަހު ޝަމީމް ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިހުރި ތުހުމަތުތަކަށް އިންކާރުކޮށް ޝަމީމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި މައްސަލަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާނުލާނެ ކަމަށެވެ.
"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަގާމުން ވަކި ކުރަން ބޭނުންވެގެން ކޮށްފައިވާ ތުހުމަތުތަކެއް. އެއީ މީގެ އެތައް މަހެއް ކުރިން ޖަވާބުދީފައި ހުރި ފެން ނުހިފޭ ތުހުމަތުތަކެއް،" ޝަމީމް ވިދާޅުވި އެވެ.
އެ ތުހުމަތުތައް ކުރުމުގެ ބަދަލުގައި މަގާމުން ވަކި ކުރަން ބޭނުން ވެގެން އެ ވާހަކަ ވިދާޅުވި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަމީމު ވިދާޅުވި އެވެ.
"ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއް އޮވެގެން ކުރައްވާފައިވާ ތުހުމަތުތަކެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ޒާތުގެ ހަގީގަތާ ހިލާފު ތުހުމަތު ނުކުރައްވައި، އަޅުގަނޑު ގާތު މަގާމުން އިސްތިއުފާދޭން ވިދާޅުވި ނަމަ އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ސަރުކާރު ބަދަލުވުމުން ބައެއް މިނިސްޓަރުންނާ ބައްދަލުވުމުން އޭނާގެ މަސައްކަތާ ބެހޭ ޝަކުވާއެއް އޮތްތޯ ކުރިން ބައްލަވާފައިވާ ކަމަށެވެ. އެގޮތަށް ބައްދަލު ކުރެއްވި ހަތް މިނިސްޓަރަކާއި އެ ފެންވަރުގެ އެހެން ބޭފުޅުން ވެސް ޝަމީމް މަގާމުގައި ދެމި ހުރުމަށް ލަފާ ދެއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އެންމެ ފަހުން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް އެއްވެސް މެންބަރަކު އެފަދަ ތުހުމަތެއް ކުރައްވާފައި ނުވާ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް:
– ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.
– މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
– ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
– ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.
– ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
– އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.
– ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
– ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން