ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރިކަން ހެލްތު މިނިސްޓްރީއަށް ކަށަވަރު ކުރެވިފައިނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލު ވިދާޅުވީ ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރި ކަމަށް ބުނާ މައްސަލަ އަކީ އަދި ހަމައެކަނި އާންމުންގެ ތެރޭގައި ދެކެވެމުންދާ ކަށަވަރު ކުރެވިފައިނުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މިނިސްޓްރީން ދަނީ އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ހަލީލް ވިދާޅުވި އެވެ.
"އެގޮތަށް ބުޅާ މަސް ބޭނުން ކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. ވަރަށް ކައިރިން މަސައްކަތް ކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެކީގައި. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،" ހަލީލް ވިދާޅުވި އެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުގައި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރާފަތު ހޮސެއިން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ސިފަ ބަދަލު ކުރުމަށް ބޯ ބާލަން ގޮސް ސެލޫނެއްގައި ހުއްޓައެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އޭނާއަށް އެ ތުހުމަތު ކުރަނީ އޭނާ މެރީ ބްރައުން ކުރިމަތިން ބުޅާ ހިފާތީ އާއި އޭނާ ދިރިއުޅޭ ގެ ކައިރިން ބުޅާ މަރާލާފައި ވަނިކޮށް ފެންނާތީއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުން ވަނީ އަރަފާތު ހައްޔަރު ކުރުމަށްފަހު މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލު ކޮށްފައި ކަމަށެވެ. އަރަފާތު ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރި ކަމަށް ބުނާ މައްސަލަ ރަސްމީ ސިފައެއްގައި ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް އިހުސާން ވިދާޅުވި އެވެ. ނަމަވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް އިހުސާން ވިދާޅުވި އެވެ.
"އޭނާގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވޭ ހައްޔަރު ކުރެވޭ ހާލަތެއް ނާންނާތީވެ މިވަގުތު އެ ހުރީ ވިސާ ވަޔޮލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަންގެ ޑިޓެންޝަންގައި،". އިހުސާން ވިދާޅުވިއެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރި މައްސަލަ ފުލުހުން ތަހުގީގު ނުނިމެނީސް އަރަފާތު ޑީޕޯޓް ނުކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.