ޝާހިދުގެ ނަޒަރުގައި އާބަން ޑިވެލޮޕްމަންޓް ބިލު: ކައުންސިލު ތަކުން ޖެހޭނީ ދޮޅުރުފިޔާ ބައި ހޯދަންވެސް ސަލާން ޖަހަން

ޝާހިދުގެ ނަޒަރުގައި އާބަން ޑިވެލޮޕްމަންޓް ބިލު: ކައުންސިލު ތަކުން ޖެހޭނީ ދޮޅުރުފިޔާ ބައި ހޯދަންވެސް ސަލާން ޖަހަން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓް ބިލް ފާސް ވެއްޖަނަމަ، ކައުންސިލް ތަކުން ޖެހޭނީ ފައިސާ ހޯދުމުގެ ކަންކަމުގައި ސަރުކާރަށް ކުޑަ ސިޓީ ފޮނުވައިގެން ސަލާން ޖަހަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީން ތައާރަފު ކުރި ލާމަރުކަޒީ ނިޒާމު، ފަށަލައަކަށް ފަހު ފަށަލައެއް ސަރުކާރުން ދަނީ ނޮޅަމުން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ކައުންސިލު ތަކަކީ ހަމައެކަނި ރަށްރަށުގެ މަގު ބައްތި ޖެހުމާއި ވަށާފާރު ރާނާ ބަޔަކަށް ހެދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކައުންސިލު ތަކަށް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ، މިހާރު އެ ބޭފުޅުން އެ ނިންމަވަނީ އެއީ މިނިސްޓްރީގެ ބަޖެޓަށް ދާންޖެހޭ އެއްޗެއް ކަމަށް. ދެން ޖެހޭނީ ކައުންސިލު ތަކުން ކުޑަ ސިޓީ ފޮނުވައިގެން މިނިސްޓްރީގައި އާދޭސް ދަންނަވައިގެން، ދޮޅު ރުފިޔާ ބައި ކައުންސިލަށް ލިބޭތޯ ސަލާން ޖެހުމަށް. މި ނިޒާމު އެމްޑީޕީ އަކުން ގަބޫލެއް ނުކުރަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރަށްތަކުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން އެންމެ ބޮޑަށް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. އެކަންކަމާ މާލޭގައި ހުންނަވާ މިނިސްޓަރަކަށް ބަސް ވިދާޅުވެވިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލު ތަކަށް ބޮޑެތި ބާރުތަކެއް ދިނީ އެމްޑީޕީ ސަރުކާރުންކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ އެ ގޮތަށް އެމްޑީޕީ ސަރުކާރުން ނިންމީ، އެއީ ރާއްޖެ ހިންގުމަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *