ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަތަކެއް ހުރިކަމަށްބުނެ، އެ މައްސަލަ މަޖިލީހަށް ހުށަހެޅި މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރަކު މަގާމުން ވަކި ކުރަން ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން މައްސަލަތަކެއް ފާހަގަކޮށް އެޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއީލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވި ސިޓީއަކުން ހުށަހެޅުއްވި މައްސަލައެެކެވެ.
ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ބެންޗް ކަނޑައަޅާއިރު ފައިސާގެ ބޮޑެތި އަދަދު ހިމެނޭ މައްސަލަތަކުގައި އަބަދު އެއް ބަޔަކު ތިބެގެން ނާޖާއިޒު ފައިދާތަކެއް ނަގާކަމަށާއި، ޓްރައިބިއުނަލްގެ ރައީސަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބި، ކާރާއި ސައިކަލާއި އެޕާޓްމަންޓް ފަދަ މުދާ ހޯދަމުންދާކަމާއި، ރާއްޖެއިން ބޭރަށް ގިނަ ދަތުރުތައް ކުރަމުންދާކަމަށް އެ ސިޓީގައި ވަނީ ތުހުމަތު ކޮށްފައެވެ.
އޭގެ ތެެރެއިން އަމިއްލަ ދަތުރެއްގައި ތައިލެންޑަށް ވަޑައިގެން، ތައިލެންޑްގެ އެމްބަސީ މުވައްޒަފުން މެދުވެރިކޮށް އެތަނުގެ ސެންޓްރަލް ކޯޓުގެ ޗީފް ޖަޖާ ބައްދަލުކޮށްފައިވާ ކަމަށާއި، އެއީ އިޖުރާއަތް ފުރިހަމަ ނުވުމުގެ ސަބަބުން ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމާފައިވަނިކޮށް، ލޯ ފާމަކަށް ފަހިވާގޮތަށް މައްސަލައެއް ބަލައިގަތުމަށް ނިންމުމުގެ މުގާބިލެއްގެ ހަދިޔާއެއްގެ ގޮތުން ލިބުނު ދަތުރެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ޓްރައިބިއުނަލްގެ މެންބަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރާ އޮންނަ ގުޅުމުގެ ސަބަބުން ޓްރައިބިއުނަލަށް ބޭނުންވާ ބަޖެޓު ވަރަށް ފަސޭހައިން ލިބޭކަމަށާއ،ި 10 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން 12 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށާއ،ި ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ކުއްޔަށް ހިފިއިރު ދައްކަން ޖެހޭކަމަށް ނެތް އެޑްވާންސް ފައިސާއެއް ދިނުމަށް، ބަލަންޖެހޭވަރަށް ނުބަލައި ފިނޭންސް މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާތީ، ޓްރައިބިއުނަލްގެ ރަޖިސްޓްރާއަށް އެތަނުގެ ރައީސާއި ނައިބު ރައީސް، އެކިފަހަރުމަތިން އިންޒާރުދީފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުކަން ލިބުމުން ބައެއް މެންބަރުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާކަމާއި، ބައެއް މެންބަރުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ ކަންކަން އިންތިހާއަށް އިތުރުވެފައިވާކަމަށް ފާހަގަކުރެވޭކަމަށްވެސް ހިމަނާފައިވެއެވެ.
ޓްރައިބިއުނަލްގެ އެހެން މެންބަރުންނަށް ގިނަ ތުހުމަތުތަކެއް އެސިޓީގައި ހިމަނާފައިވާއިރު، ޓްރައިބިއުނަލްގެ ގިނަ ކަންކަން ކުރެވެމުންދަނީ ދައުލަތަށް މާލީގޮތުން ގެއްލުންވާގޮތަށްކަމަށާއި، އެ ޓްރައިބިއުނަލްގެ ބައެއް މެންބަރުންގެ ފަރާތުން އެ ޓްރައިބިއުނަލްގެ ބައެއް މެންބަރުންނަށާއި މުވައްޒަފުންނަށް އެކިކަހަލަ ފުރައްސާރަ ކުރިމަތިވަމުންދާކަމަށްވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ޓްރައިބިއުނަލުން ބޭކާރު ހަރަދުތައް ކުރާ ކަމަށާއި، މައްސަލަ ބެލުމުގައި ކަންކަންކުރާ ގޮތުގެ ކަންބިޑުވުންތަކެއްވެސް ވަނީ ހުށަހަޅައިފައެވެ.
އެ ސީޓީގައިވާ ކަންތައްތަމާގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެކަންތައްތައް ބެލުމަށްފަހު، ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
އެ ރިޕޯޓްގައި މަޖިލީހަށް މައްސަލަ ހުށހެޅި މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބަވާ ހަތަރު މެންބަރުން މަގާމުން ވަކިކުރުމަށް ރައީސަސް ލަފާ އެރުވުމަށް ވަނި ހިމަނައިފައެވެ.
ވަކިކުރަން ފާސްކުރި މެންބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފާއި މެންބަރު ހަޖީދާ ނައީމެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށާއ،ި ނުޙައްގު މުއްސަނދިކަމާއި ކޮރަޕްޝަންގެ ތުހުމަތުތައްކޮށް، އެ މެނބަރުންގެ މައްސަލަ ތަހުގީގުކުރަން އޭސީސީއަށް ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެެވެ.
އޭގެ އިތުރުން ޓްރައިބިއުނަލް ހިންގާ އިމާރާތަކީ، އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީގޮތުން ވާ ގެއްލުން ކުޑަކުރުމަށް އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗް ކަނޑައެޅުމަށާއ،ި ބެންޗްގެ ރިޔާސަތު ކަނޑައެޅުމަށް، ގަވާއިދުގެދަށުން ރައީސަށް ފުރުސަތު އޮތުމުން، އިންސާފުވެރިކޮށް މައްސަލައެއް ބެލިގެންދާނެކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮތުމުން ޝަރުއީ ކޯޓުތަކުގައިވެސް އޮންނަ ގޮތަށް، ކަނޑައަޅާފައިވާ ވަކި ތަރުތީބަކުން މައްސަލަތަކުގެ ބެންޗް ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް ގަވާއިދު އިސްލާހުކުރަންވެސް ހިމަނާފައިވެއެވެ.
ކޮމިޓީން ހިމަނާފައިވާ ކަންތައްތައް އެގޮތަށް ކުރިއަށް ގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއބެވި 76 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.