ކައުންސިލުތަކުގެ ބައި-އިިލެކްޝަންތައް މަދުކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ކައުންސިލުތަކުގެ ބައި-އިިލެކްޝަންތައް މަދުކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތައް ބާއްވާ މުއްދަތު ލަސްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެ އިސްލާހުތައް ތަސްދީގު ކުރެއްވީ މިއަދެވެ. މަޖިލީހުން އެ ދެ ބިލު ފާސްކޮށްފައިވަނީ މިމަހުގެ 7 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން އެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަސް (60 ދުވަސް)ގެ ތެރޭގައި ކަމަށެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައި، އަދި މި އެންގެވުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުން ހިމެނެ އެވެ.

ނަމަވެސް، އެ މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނޫންކަމުގައި އަލަށް ގެނައި އިސްލާހުގައި ބާޔާންކޮށްފައިވެ އެވެ. އަދި އަތޮޅު ކައުންސިލުގެ ނައިބުރައީސާއި، ރަށު ކައުންސިލްގެ ނައިބުރައީސާއި، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، އަމަލުކުރަންވާނެގޮތަށް ގެނެވުނު އިސްލާހުތައް ހިމަނައިފައިވެ އެވެ.

އެގޮތުން އެފަދަ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވާގޮތުގެމަތީން އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބަޔާންކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *