(އެޑިޓަރުގެ ނޯޓް: މިއީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ލިޔުއްވާފައިވާ "ތަޢުލީމީ ސިޔާސަތު، ނަޒަރިއްޔާއިން އަމަލު" މި ފޮތުގައިވާ ލިޔުމެކެވެ. މިފަދަ ޢިލްމީ ލިޔުން ތަކަށް "މާލެ ޓައިމްސް" އިން ޚާއްސަ ސަމާލު ކަމެއްދޭނެ ވާހަކަ ދަންނަވަމެވެ.)
ހަރުދަނާ ތަޢުލީމެއް ފަރުދަކަށް ލިބުމުގެ ސަބަބުން ވާދަވެރި ވަޒީފާގެ މާހައުލު ތަކުގައި، ރަނގަޅު އަގަކަށް "އޭނާ ވިއްކުމުގެ" ޤާބިލުކަން އޭނާއަށް ލިބެއެވެ. ވަޒީފާގެ މާހައުލަށް މީހުން ބިނާ ކުރުމުގެ އެންމެ ބޮޑު ރޯލެއް ކުޅެނީ މަތީ ތަޢުލީމުދޭ މަރުކަޒު ތަކުންނެވެ.
މަތީ ތަޢުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތް ތަކުގެ އަދަދު ދަނީ ނިސްބަތުން ގިނަވަމުންނެވެ. ނަމަވެސް މަތީ ތަޢުލީމަށާއި އެހެނިހެން ލެވެލް ތަކުގެ ތަޢުލީމަށް އުފެދުމުންދާ ޑިމާންޑަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ދައުލަތްތައް ވަނީ ނުކުޅެދިފައެވެ. އެހެން ކަމުން މިކަމަށް ބޭނުންވާނެ އިތުރު ފައިސާ ހޯދުމުގެ ގޮތްތައް ދައުލަތް ތަކުން ހޯދައެވެ.
ތަޢުލީމީ ޚިދުމަތް ޕްރައިވަޓައިޒްކުރުމާއި ތަޢުލީމީ ދާއިރާގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) ތަކަކީ މިގޮތުން ފައިސާ ހޯދަން ނުވަތަ ޚަރަދު ކުޑަކުރަން ދައުލަތް ތަކުން ބޭނުންކުރާ ދެ ގޮތެކެވެ. މި ފިލާވަޅުގައި ބަލާލާނީ މިދެކަމުގެ މައްޗަށެވެ.
ޕްރައިވަޓައިޒޭޝަން އާއި ޕަބްލިކް:
ޕްރައިވެޓައިޒޭޝަންއަކީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ތަނެއް ނުވަތަ ޚިދުމަތެއް ނުވަތަ ވިޔަފާރިއެއް އާއްމު ފަރާތަކުން އަގެއްދީ ގަތުމެވެ. ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ތަނެއް ނުވަތަ ޚިދުމަތެއް ނުވަތަ ވިޔަފާރިއެއް އާއްމު ފަރާތަކަށް ވިއްކާލުމެވެ.
ޕަބްލިކްގެ މާނައަކީ ޤައުމެއްގެ އެންމެންނަށް ނިސްބަތްވާ، ނުވަތަ އެންމެންނަށް ހުޅުވިފައިވާ، ނުވަތަ ޢާއްމުއެވެ. މި ލަފުޒު އައިސްފައި ވަނީ ޕީޕަލް މިލަފުޒުންނެވެ. މިއާ އިނދިކޮޅު ލަފުޒަކީ ޕްރައިވެޓްއެވެ. އެއިން ނިސްބަތް ކުރަނީ އަމިއްލަ، އެންމެންނަށް ހުޅުވިފައި ނުވާ ނުވަތަ ނިސްބަތް ނުވާއެވެ. ޕްރައިވެޓް ސިޓިޒަންއަކީ ސަރުކާރުގެ ވަޒީފާއެއް އަދާ ނުކުރާ ޢާއްމު މީހެކެވެ. ޕްރައިވެޓައިޒޭޝަން އަކީ، އެންމެންނަށް ނުވަތަ ދައުލަތަށް ނިސްބަތްވާ އެއްޗެއް ނުވަތަ ކަމެއް އަމިއްލަ ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ވީއްލައިލުމެވެ.
ބައެއް ލިޔުންތެރިން ބުނާ ގޮތުގައި ޕްރައިވަޓައިޒޭޝަންއަކީ ލާމަރުކަޒީ ކުރުމުގެ ވައްތަރެކެވެ. އެއީ ދައުލަތުގެ ބާރުތަކާއި ތަކެތި ސަރުކާރުން އަމިއްލަ ފަރާތަކަށް ބަދަލުވާތީއެވެ. ކަރީއާއި ވިޑޮވިޗް (2000) ބުނާގޮތުގައި ޕްރައިވަޓައިޒޭޝަންއަކީ ބާޒާރުގެ އުސޫލުތަކަށް ތަޢުލީމީ ޚިދުމަތްތައް ބަދަލު ކުރުމެވެ. ޕްރައިވަޓައިޒޭޝަންގެ ސަބަބުން ސަރުކާރުގެ ބާރު ކުޑަވެ ތަޢުލީމީ ޚިދުމަތްތައް ވާދަވެރިކަމާއި ގަނެވިއްކުމުގެ އުސޫލުތަކާއި ނަތީޖާ ނެރުމާއިއެކު ބަދަލު ވަމުންދާ ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއްގެ ތެރެއަށް ވަދެއެވެ. އޯއީސީޑީ އާއި ވާރލްޑް ބޭންކް ފަދަ ޖަމިއްޔާ ތަކުން ތަޢުލީމީ ޚިދުމަތްތައް ޕްރައިވެޓައިޒް ކުރުމަށް ބާރުއަޅައެވެ. އެއީ ދައުލަތް ތަކަށް އެބައިމީހުންގެ އާއްމު ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދީ މަންފާ ބޮޑު ކުރުމަށެވެ.
ތަޢުލީމު ޕްރައިވަޓައިޒް ކުރުމުން ލިބޭ ފައިދާ އާއި ގެއްލުން:
ތަޢުލީމު ޕްރައިވަޓައިޒް ކުރުމުން ޚިދުމަތުގެ އެފިސިއަންސީ މަތި ކުރެވެއެވެ. އަދި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ޖަވާބުދާރީ ކުރެވެއެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވާ ފަދަ ޚިދުމަތް ތަކެއް އިޚްތިޔާރު ކުރުމުގެ ބާރު އެމީހުންނަށް ލިބެއެވެ. އަދި އެފިސިއަންސީ އަކީ ކުރާ ހޭދަ ނުވަތަ މަސައްކަތާ އަޅާބަލާއިރު ނެރެވޭ ނަތީޖާ ގެމިންވަރެވެ.
ދަރިވަރުންނަށް ފައިސާ ޚަރަދު ކޮށްގެން ކިޔެވޭނެ އެތައް ފުރުޞަތު ތަކެއް ފަހިވެގެން ދެވެއެވެ. އަދި ތަޢުލީމީ ޚިދުމަތްތައް ޕްރައިވަޓައިޒް ކުރުމުން ދައުލަތުގެ ބަޖެޓަށް ލުއި ކަމެއް ލިބެއެވެ.
ތަޢުލީމު ޕްރައިވެޓައިޒް ކުރުމުގެ ގެއްލުން ތަކުގެ ތެރޭގައި އަމިއްލަ ފަރާތް ތަކުން އެމީހުން ބޭނުން ގޮތަކަށް ތަޢުލީމީ ޚިދުމަތް ބައްޓަން ކުރުމާއި އެމީހުން ބޭނުންވާ ފާޑެއްގެ ތަޢުލީމެއް ދިނުމުގެ ބިރުވެރިކަން ހިމެނެއެވެ. އަދި ތަޢުލީމުގެ ފެންވަރު ދަށްވެ އެއްފާޑެއްގެ ޚިދުމަތް ތަކެއް ހުރިހާ މަރުކަޒު ތަކަކުން ދިނުން (ސްޓޭންޑަރޑައިޒުވުން) އެކަށީގެންވެއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް:
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއަކީ ދައުލަތާއި ޚިދުމަތްދޭ އަމިއްލަ ފަރާތަކާއި ދެމެދު ވަކި ވައްތަރެއްގެ ޚިދުމަތެއް، ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އަދި އެއްބަސްވެވިފައިވާ އަގެއްގައި ކަނޑައެޅިފައިވާ މުއްދަތަކަށް ފޯރުކޮށްދިނުމަށް ވެވޭ އެއްބަސްވުމެކެވެ.
1980 އިން ފެށިގެން ސިޔާސަތު ހަދާ މީހުންނާއި ދައުލަތް ތަކުގެ ރާޑަރަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް ވަނީ އަރާފައެވެ. އަދި މިކަމަށް ސިޔާސަތު ތަކެއް ވަނީ ހެދިފައެވެ. އެންމެ ފުރަތަމަ މިޒާތުގެ އެއްބަސްވުންތައް ވެވެން ފެށީ ފެނުގެ ޚިދުމަތާއި ކަރަންޓާއި ގެދޮރު ބިނާ ކުރުމުގެ ދާއިރާއިންނެވެ. އަދި އޭގެފަހުން ތަޢުލީމީ ދާއިރާއަށްވެސް މިފަދަ އެއްބަސްވުންތައް ވަނީ ވަދެފައެވެ.
ބައެއް ޤައުމު ތަކުގައި މި ސިޔާސަތުތައް ތައާރަފު ކުރެވުނީ ވާރލްޑް ބޭންކާއި އައި.އެމް.އެފް ފަދަ ޖަމިއްޔާތަކުން އެހީ ދިނުމަށްފަހު އެފަދަ ސިޔާސަތު ތަކެއް ހެދުމަށް ލާޒިމު ކުރާތީއެވެ. އަނެއްބައި ޤައުމު ތަކުގައި މިފަދަ ސިޔާސަތުތައް އުފެދުނީ އެ ޤައުމު ތަކުގައި ތަޢުލީމަށް އެދިއެދި ތިބި މީހުންގެ އެދުން ފުއްދައިދޭން ސަރުކާރު ނުކުޅެދުމުންނެވެ. މިފަދަ ސިޔާސަތުތައް އުފެދެނީ ޑިފޯލްޓްއިންނެވެ. އެހެން އިޚްތިޔާރެއް ނެތުމުން ގޮތް ހުސްވެގެންނެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އާއި ތަޢުލީމު ވަރަށް ގިނަ އެހީދޭ ޖަމާޢަތްތަކުން އީޕީޕީޕީ އަށް ބާރުއަޅައެވެ. އެއީ އަންނަނިވި ސަބަބުތަކާ ހެދިއެވެ.
ގިނަ ބަޔަކަށް ތަޢުލީމުގެ ފުރުޞަތުތައް ފަހި ކޮށްދިނުން:
މިލެނިއަމް ގޯލްސްތަކާއި އީއެފްއޭ (އެޑިޔުކޭޝަން ފޯރ އޯލް) ގެ ލަނޑުދަނޑިތައް ކަނޑައެޅިގެންވާ މުއްދަތުގެ ތެރޭ ހާސިލު ކުރުމަށްޓަކައި ދައުލަތް ތަކަށް އަމިއްލަ ފަރާތްތައް ތަޢުލީމީ ޚިދުމަތް ދިނުމުގައި ބައިވެރި ކުރުވުމަށް މަޖުބޫރު ކުރުވައެވެ.
ތަޢުލީމީ ލަނޑުދަނޑިތައް ހާސިލު ކުރުން:
ޤައުމުގެ ތަޢުލީމީ ލަނޑުދަނޑިތައް ހާސިލު ކުރުމަށާއި ހަމަހަމަ ގޮތެއްގައި އެންމެންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އަމިއްލަ ފަރާތްތައް ތަޢުލީމީ ޚިދުމަތް ދިނުމުގައި ބައިވެރި ކުރަންޖެހެއެވެ. އެއީ ސަރުކާރަށް އެކަނި އެކަން ނުކުރެވޭނެތީއެވެ.
ސަރުކާރުގެ ތަޢުލީމީ ނިޒާމުގައި ވާދަވެރިކަމާއި އުފެއްދުންތެރިކަން ނެތުން:
ހަމަ އެކަނި ސަރުކާރުން ތަޢުލީމީ ޚިދުމަތް ފޯރުކޮށްދިނުމުން އެ ދާއިރާގައި ވާދަވެރިކަން ނެތި އުފެއްދުންތެރިކަމަށް ޖާގައެއް ނޯވެއެވެ. ނަމަވެސް ގިނަ ފަރާތްތަކެއް އެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ތަފާތު ވައްތަރުގެ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް އުފެދި ފަރުދުންނަށް އެމީހުން ބޭނުންވާ ޒާތުގެ ތަޢުލީމު އުނގެނުމުގެ މަގު ފަހިވެއެވެ.
އީޕީޕީޕީގެ ވައްތަރުތައް:
އީޕީޕީޕީގެ ތަފާތު ވައްތަރުތައް ޤައުމު ތަކުގައި ބޭނުންކުރެއެވެ. މިގޮތަށް ފާހަގަ ކޮށްލެވޭ ބައެއް ވައްތަރުތައް ތިރީގައި އެވަނީއެވެ.
(އީޕީޕީޕީEPPP އަކީ ތަޢުލީމީ ދާއިރާގައި ހެދޭ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުންތަކެވެ. މީގެ ދިގުގޮތަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްސް އިން އެޑިޔުކޭޝަންއެވެ.)
ޔުނިވަރސަލް ވައުޗަރ ޕްރޮގްރާމް:
މިފަދަ ޕްރޮގްރާމްތަކުގައި ވައުޗަރ ދެވެނީ މުޖްތަމަޢުގައި ވަކި ވައްތަރެއްގެ ތަޢުލީމަށް އޮންނަ ޑިމާންޑަށް ބަލައެވެ. މި ނިޒާމުގައި ބެލެނިވެރިންނަށް އެމީހުން ބޭނުން މަދަރުސާ އަކުން ދަރިންނަށް ތަޢުލީމު ދިނުމުގެ އިޚްތިޔާރު އޮވެއެވެ. އެއީ ސަރުކާރު މަދަރުސާއެއް ވިޔަސް އަމިއްލަ މަދަރުސާއެއްވިޔަސް ވެހެވެ. ފައިސާދެނީ މައި ސަރުކާރުންނެވެ. އަދި މި ނިޒާމުގައި އަމިއްލަ މަދަރުސާތައް ޢަމަލު ކުރަންޖެހޭ ވަކިގޮތް ތަކެއް (ސްޓޭންޑަރޑް ތަކެއް) މައި ސަރުކާރުން ކަނޑައަޅާފައިވެއެވެ. މި ފަދަ ނިޒާމެއްގައި އަމިއްލަ މަދަރުސާ ތަކަށް ރައްޔިތުން ބޭނުންވާ ފަދަ ތަޢުލީމެއް ފޯރުކޮށް ނުދެވިއްޖެނަމަ، އެ މަދަރުސާތައް ފޭލިވުމުގެ ބިރުވެރިކަން އޮވެއެވެ.
(ވައުޗަރސްއަކީ ސަރުކާރުން ފައިސާގެ ބަދަލުގައި ބެލެނިވެރިންނަށް ދެވޭ ލިޔުމެކެވެ. މި ލިޔުން މެދުވެރިކޮށް ބޭނުން މަދަރުސާއަކުން ތަޢުލީމު ހޯދުމުގެ މަގު ރައްޔިތުންނަށް ފަހިވެއެވެ.)
ޓާރގެޓަޑް ވައުޗަރ ޕްރޮގްރާމް:
މިފަދަ ޕްރޮގްރާމް ތަކުގައި މޮޅެތި މަދަރުސާ ތަކަށް ވަނުމުގެ ފުރުޞަތު ފަޤީރު ކުދިންނަށް ނުވަތަ އިތުރު އެހީ ބޭނުންވާ ފަރާތް ތަކަށް ހޯދާދެވެއެވެ. މިއީ މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމު ކުރުމުގެ މަޤްޞަދުގައި ތައާރަފް ކުރެވިފައިވާ ނިޒާމެކެވެ.
މިސާލަކަށް ބަންގްލަދޭޝްގައި އަންހެން ދަރިވަރުންނަށް، މަދަރުސާއަށް ބަރާބަރަށް ގޮސް ރަނގަޅު ނަތީޖާ ހޯދާނަމަ، އެ ކުދިން ސާނަވީ ސަނަދެއް ހާސިލު ކުރަންދެން ނުވަތަ މީހަކާ ނީދެ ތިބެ 18 އަހަރު ވަންދެން ފައިސާ ދެވެއެވެ.
އެޑިޔުކޭޝަން ސާރވިސް ކޮންޓްރެކްޓްސް:
މިއީ ސަރުކާރާ ހިގަމުންދާ އަމިއްލަ މަދަރުސާއަކާ ދެމެދު ދަރިވަރުންނަށް ބޮލެއްގެ ނިސްބަތުން ސަރުކާރުން ފައިސާ ޚަރަދު ކުރާގޮތަށް ވެވޭ އެއްބަސްވުމެކެވެ. މި ނިޒާމުގައި ކާމިޔާބީ އާއި ގެއްލުން ސަރުކާރާއި އަމިއްލަ ފަރާތާއި ހަމަހަމަ ގޮތެއްގައި ހިއްސާ ކުރެއެވެ. އަދި މި އެއްބަސްވުމުން ދެ ފަރާތުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ޖަވާބުދާރީ ކުރުވައެވެ.
މިފަދަ ނިޒާމުތަކުގައި މައި ސަރުކާރުން ކަނޑައަޅާފައިވާ ސްޓޭންޑަރޑްސް ތަކެއްގެ މައްޗަށް ބިނާކޮށް ތަޢުލީމީ ޚިދުމަތް ބެލެހެއްޓުމުގެ ބާރުދީފައި ވަނީ އެ ތަނެއްގައި ހުންނަ ލޯކަލް ގަވަރމަންޓަކަށެވެ.
ޕްރޮފެޝަނަލް އެންޑް ސަޕޯރޓް ސަރވިސަސް:
މި ނިޒާމުގައި ފަޤީރު ކުދިންނަށް ކިޔަވައިދޭ އަމިއްލަ މަދަރުސާތަކާއި ސަރުކާރު މަދަރުސާ ތަކުގެ ބައެއް ޚިދުމަތްތައް ބޭރު އެހެން ފަރާތަކަށް އައުޓްސޯސް ކުރެވެއެވެ. މިސާލަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާ، މުދައްރިސުންނަށް ތަމްރީނު ދިނުމާއި މަންހަޖު ފަރުމާ ކުރުމާއި ޓެކްސްޓް ފޮތްތައް ހެދުމާއި ދަރިވަރުންގެ ފެންވަރު މަތި ކުރުމަށް ދެވިދާނެ އެހެނިހެން ތަމްރީނު ދިނުން ފަދަ ކަންތައްތައް ހަވާލު ކުރެވެއެވެ.
ސަރުކާރު މަދަރުސާ ތަކުގެ ހިންގުން އަމިއްލަ ފަރާތަކާ ހަވާލު ކުރުން:
(ޕްރައިވެޓް އޮޕަރޭޝަން އޮފް ޕަބްލިކް ސްކޫލްސް): މި ނިޒާމުގައި ސަރުކާރު މަދަރުސާއެއްގެ ހުރިހާ ޒިންމާއެއް (ދަރިވަރުންނަށް ކިޔަވައިދިނުމާއި، މަދަރުސާ ހިންގުމާއި، މަދަރުސާގެ ޚަރަދުތައް ހަމަޖެއްސުމާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، އިމާރާތް ބެލެހެއްޓުމާއި، ފަންނީ އެހީ ފޯރުކޮށްދިނުން ފަދަ ކަންތައްތައް) އަމިއްލަ ފަރާތަކާ ހަވާލު ކުރެވެއެވެ. މިފަދަ މަދަރުސާ ތަކަށް އެފަރާތަކުން ބޭނުން ގޮތަކަށް މަދަރުސާ ހިންގުމުގެ މިނިވަންކަން އޮވެއެވެ. އެހެން ކަމުން ގިނަ ފަހަރަށް މިފަދަ މަދަރުސާ ތަކުގެ ފެންވަރު ރަނގަޅު ކަމަށް ފާހަގަ ކުރެވެއެވެ. އަދި އެފަދަ މަދަރުސާ ތަކުގެ އެފިސިއަންސީ އެހެން މަދަރުސާތަކާ އަޅާބަލާއިރު މައްޗެވެ. ޗާރޓަރ ސްކޫލްސްއަކީ މިފަދަ މަދަރުސާއެއްގެ އެއް ވައްތަރެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ފައިދާ:
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ފައިދާތައް ޕްރައިވެޓައިޒޭޝަންގެ ފައިދާތަކާ ދާދި އެއްގޮތެވެ. މިގޮތުން މިފަދަ އެއްބަސްވުންތަކުގެ ބައެއް ފައިދާ ތިރީގައި އެވަނީއެވެ.
1- ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުންތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގައި ވާދަވެރިކަން އަށަގެންނެވެއެވެ. މިގޮތުން އަމިއްލަ ފަރާތްތަކަށް ސަރުކާރު މަދަރުސާތަކާ ވާދަކުރުމުގެ ފުރުޞަތުތައްވެސް ފަހިވެގެންދެއެވެ. މީގެސަބަބުން ސަރުކާރު މަދަރުސާތައްވެސް ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް މަޖުބޫރުވެއެވެ. އެހެނީ ބެލެނިވެރިން މަދަރުސާއެއް އިޚްތިޔާރު ކުރާއިރު ބަލާނީ އެންމެ ފެންވަރު ރަނގަޅު އެމީހުން ބޭނުންވާފަދަ ޚިދުމަތް ތަކެއް ލިބެން ހުރި މަދަރުސާއެއް ޚިޔާރު ކުރުމަށެވެ. އަދި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ތަޢުލީމީ ނިޒާމުގެ ތެރޭގައި ބާޒާރެއް އޮތުން މުހިއްމެވެ. އަދި މަދަރުސާ ތަކުގެ ފެންވަރާބެހޭ މަޢުލޫމާތު ބެލެނިވެރިންނަށް ޢާއްމުކޮށް ލިބެން ހުރުންވެސް މުހިއްމެވެ.
2- ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުން ތަކުން މަދަރުސާތަކަށް އެމީހުން ބޭނުން ގޮތަކަށް މަދަރުސާ ހިންގުމާއި ކިޔަވައިދިނުމުގެ ފުރުޞަތު ލިބެއެވެ. މިގޮތުން ފެންހަރުލާ އެއްބަސްވުމެއް އޮތުމުން މުޖުތަމަޢު އެދޭ ގޮތަށް އެ މީހުންގެ ޑިމާންޑް ތަކަށް މަންހަޖާއި އެހެނިހެން ޚިދުމަތްތައް ފަރުމާ ކުރުމަށް އަމިއްލަ މަދަރުސާ ތަކަށް އިޚްތިޔާރު ލިބެއެވެ. އަދި މުދައްރިސުންނަށް ވަޒީފާދިނުމާއި އެމީހުން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރުވެސް މިފަދަ މަދަރުސާ ތަކަށް އޮވެއެވެ. އަދި މަދަރުސާގެ ބަޖެޓް އެންމެ އެފިޝެންޓް ގޮތެއްގައި ބޭނުން ކުރުމުގެ އިޚްތިޔާރުވެސް ލިބެއެވެ. އޭގެއިތުރުން މަދަރުސާ އޮންނަ ދުވަހެއްގެ ދިގުމިނާއި ދިރާސީ އަހަރުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރުވެސް މިފަދަ މަދަރުސާތަކަށް އޮވެއެވެ (ރާއްޖޭގައި މިކަންތައްތައް އޮންނަނީ ޤައުމީ މުޤައްރަރުގެ ތެރެއިން ހިފެހެއްޓިފައެވެ.)
3- ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުން ތަކަށް އަމިއްލަ ފަރާތެއް ހޮވާއިރު އެކަން ކުރެވެނީ ދެފުށް ފެންނަ ހުޅުވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މި ޕްރޮސެސްގައި އެންމެ ފެންވަރު ރަނގަޅުކޮށް ބޭނުންވާ ޚިދުމަތް އެކަށޭނަ އަގެއްގައި ފޯރުކޮށްދެވޭނެ ފަރާތްތަކަށް އިސްކަންދެއެވެ. އެހެންކަމުން މިފަދަ އެއްބަސްވުންތައް ގިނަ ފަހަރަށް ވެވިފައި ހުންނަނީ ވަރަށް ފެންވަރު ރަނގަޅު ފަރާތްތަކާއެކުއެވެ. އެހެން ކަމުން ދެވޭ ތަޢުލީމުގެ ފެންވަރުވެސް ރަނގަޅުވެގެން ދެއެވެ. (ރާއްޖޭގައި މިކަން ތަންފީޒުވެގެން ގޮސްފައިވާ އެއްވެސް ފަހަރަކު މިގޮތަށް މިކަން ހިނގާފައެއް ނުވެއެވެ).
4- ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއެއްގައި ސަރުކާރާއި އަމިއްލަ ފަރާތާއި ހަމަހަމަ ގޮތެއްގައި ލިބޭ ގެއްލުމާއި ފައިދާ ހިއްސާކުރެއެވެ. މިކަމުގެ ސަބަބުން ދެފަރާތުންވެސް ރަނގަޅު ފެންވަރެއްގެ ޚިދްމަތެއް ފޯރުކޮށްދީ ޚިދްމަތުގެ އެފިސިއަންސީ މަތިކުރެވޭތޯ ބަލާނެއެވެ. އަދި ދެ ފަރާތުންވެސް ޚިދްމަތްދިނުމަށް ބޭނުންވާ ރަނގަޅު ފެންވަރެއްގެ ތަކެތި ހޯދުމަށް މަސައްކަތްކުރާނެއެވެ. (މިއީ ދިރާގު ފަދަ ކުންފުނިތަކާ ގުޅޭ ނުކުތާއެކެވެ. ތަޢުލީމީ ޙަރަކާތްތައް ޕްރައިވެޓައިޒް ކުރުމުން، ސަރުކާރަށް އަމިއްލަ ނުވަތަ ގުޅިގެން ހިނގާ ތަނަކުން އާމްދަނީ އެއް ނުދައްކައެވެ.)
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ގެއްލުން:
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުން ތަކުގެ ސަބަބުން އަމިއްލަ ފަރާތް ތަކުން ތަޢުލީމީ ނިޒާމަށް ފޯރުވާ ނުފޫޒު ބޮޑުވެ ސަރުކާރުގެ ކޮންޓްރޯލް ކުޑަވެއެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންގެ އަތް މައްޗަށް މަދަރުސާ އިޚްތިޔާރު ކުރުމުގެ ބާރު ދޫކޮށްލުމުން މުއްސަދި ޢާއިލާ ތަކުން ފެންވަރު ރަނގަޅު މަދަރުސާތައް ޚިޔާރުކޮށް، ފީ ބޮޑުކޮށްގެންނާއި އެހެނިހެން އުކުޅުތައް ބޭނުން ކޮށްގެން ”ފަޤީރު، ނުސިޔާނު“ ކުދިން އެ މަދަރުސާ ތަކަށް ވަނުން މަދު ކުރެއެވެ.
މިކަމުން މުޖުތަމަޢުގައި އޮންނަ މުއްސަދިންނާއި ފަޤީރުންގެ ތަފާތު، އިތުރަށް ބޮޑުވުމުގެ ފުރުޞަތު އޮވެއެވެ. މީގެ އެއް ނަތީޖާއަކީ ފަޤީރު ކުދިން ސަރުކާރުގެ ފެންވަރު ދަށް މަދަރުސާ ތަކުގައި ގިނަވުމެވެ. އަދި މިފަދަ މަދަރުސާ ތަކަށް މުޖުތަމަޢުގެ ކިޔަވައިގެންތިބި މުއްސަނދި ބެލެނިވެރިންގެ އެހީވެސް ނުލިބުމެވެ. ބައެއް މުދައްރިސުންނާއި މުދައްރިސުންގެ ޖަމާޢަތް ތަކުން ދެކޭގޮތުގައި މިފަދަ އެއްބަސްވުން ތަކަކީ އެމީހުންނަށް ހުރި ބިރެކެވެ. އެއީ ޕީޕީޕީގެ ސަބަބުން މުދައްރިސުންގެ ނުފޫޒު ތަޢުލީމީ ދާއިރާގައި ކުޑަވާތީއެވެ. އަދި އަމިއްލަ ފަރާތް ތަކަށް މުދައްރިސުން ކަމުނުދާނަމަ، ވަޒީފާއިން ވަކިކުރުމުގެ ޢިޚްތިޔާރު އޮންނާތީއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސަމާލުކަން ދޭންވީ ކަންތައްތައް:
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އެއްބަސްވުމެއް ވުމުގެ ކުރިން ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަންތައް ތަކެއް ވެއެވެ.
ފުރަތަމަ ޤައުމީ ތަޢުލީމީ ސްޓްރެޓަޖީގައި އަމިއްލަ ފަރާތް ތަކުގެ ރޯލު ކަނޑައަޅާފައި ވާންވާނެއެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި އެއްބަސްވުމުގެ މަޤްޞަދުތަކާއި އަމިއްލަ ފަރާތުން ޢަމަލު ކުރަންޖެހޭ މިންގަނޑުތައް ލިޔެވިފައި ހުންނަންވާނެއެވެ. އެއްބަސްވުމުގެ ދަށުން އަމިއްލަ ފަރާތެއް ހޮވަން ޖެހޭނީ ޢާއްމުކޮށް އިޢުލާނު ކުރެވި ދެފުށް ފެންނަ ވާދަވެރި ގިނަ ސްޓޭޖް ތަކެއްގެ މައްޗަށް ބިނާވެފައިވާ ޕްރޮސެސްއެއްގެ ތެރެއިންނެވެ.
އަދި އެ ހޮވޭ ފަރާތަކީ ބޭނުންވާ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ޢާއްމުންނަށް ފޯރުކޮށްދެވޭނެ ޤާބިލުކަން ހުރި ފަރާތެއް ކަމުގައި ސަރުކާރުން ޔަޤީން ކުރަންވާނެއެވެ. މި އެއްބަސްވުމުގެ ދަށުން މަދަރުސާ ހިންގާގޮތް ރަނގަޅަށް މޮނީޓަރކޮށް (ވާނުވާބަލާ) ފެންވަރު ބެލޭނެ ނިޒާމެއް ޤާއިމު ކުރެވިފައި އޮންނަން ވާނެއެވެ. އަދި ފެންވަރު އެއް ލެވެލްއެއްގައި ހިފެހެއްޓުމަށް އިންސެންޓިވް ތަކެއް (ހިތްވަރުދޭ ކަންތައްތަކެއް) ހިމަނާ ފެންވަރު ދަށްވާނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއްވެސް ޤާއިމު ކުރެވިފައި ވާންވާނެއެވެ.
One Response
ނަމުން މޮޅުކޮއްގެން އުޅުނަސް ތައުލީމަށް އަހަންމިއްޔަތުކަން ނުދޭނަމަ މޮޅެއްނުވާނެ.ޢިޔާސުއްދީން ސްކޫލަކީ މީގެނަމޫނާ ތަން.ކިތަނަމެ މޮޅުކުއްޖެއްގެވެސް ފެންވަރެއް ނުހުރޭ.ގުރުއާނަށް އެހާދަށް.ދިވެހި އސްލާމް ކުދިންނަކަށްނޭގޭ. ހުސްކުޅިވަރުކުޅޭ ތަނެއް. ޜިޕޯޓު ފޯމަކުން ތަނެއްދޮރެއްނޭގެ.ބެލެނިވެރިން ތިބެނީ އޮޅުވާލުމެއްގެތެރޭގަ. އެއީ ސަރުކާރުން ނަމޫނާ އަކަށް ބެލިތަން. މުޅި އެޑިޔުކޭޝަން ސިސްޓަމް ހަލާކުވެ ނިމިއްޖެ.