ކުޅިވަރުގެ ދާއިރާއިން މިދިޔަ ސަރުކާރުން އެކި ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް އެއްކޮށްލުމުން ދައުލަތުގެ ދެ އަަހަރުގެ ބަޖެޓަށްވުރެ ބޮޑު ކަމަށް ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރާބެހޭ ޕްރޮޖެކްޓްތައް ކުރިއަށް ނުދާތީ އެކަމާބެހޭ ގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގައި އެކަން ކަމަށް ބޭނުންވާ މިންވަރަށް ފައިސާ ހިމަނާފައި ނުވުން ކަމަށެވެ. ބައިވަރު ޕްރޮޖެކްޓްތަކެއް ފަށާފައިވާއިރު ގިނަ ޕްރޮޖެކްޓްތަކަށް ފައިސާ ހިމަނާފައި ވަނީ ވަރަށް މަދުންކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން މިހާރު ނިންމާފައި ވަނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓް ތަކަށް އިސްކަންދީގެން އަދި އެކަމާ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާ ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ފާސް ކުރާއިރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭ ގޮތަށް ފައިސާ ހިމެނުމަށް މެންބަރުން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.