ޖިހާދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ޖިހާދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ކޮރަޕްޝަން މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޖިހާދުގެ މައްޗަށް ކޮށްފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިއްޔެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިސްތިއުނާފު ބިނާ ކޮށްފައިވާނެ މައިގަނޑު އަސާސަކީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާން ކޮށްފައި ނެތުމުން ކަމަށް ޕީޖީ ބުންޏެވެ.

ޕީޖީން ހައި ކޯޓުގައި އެދިފައި ވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިދިޔަ މަހު އިއްވި ހުކުމުގައި ވަނީ އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަ ނައިބުގެ ސިޓީއަކާއި ގުޅިގެން ކުރީ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަަނުން އެ މައްސަލަ އަލުން ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައި ނުވާކަމަށެވެ.

އެގޮތުން ކޮންމެ މުއައްސަސާ އަކުން ޖިނާއީ މައްސަލައެއް ތަހުގީގު ކުރިޔަސް އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގައި ގާނޫނީ އިންޒާރު ދޭންޖެހޭނެ ކަމަށެވެ. ނޫން ނަމަ، މައްސަލަ ތަހުގީގު ކޮށްފައިވަނީ އިންސާފުވެރިކަމާއެކު، އަދި ލިބިދޭންޖެހޭ ހައްގުތަކަށް ރައްކާތެރި ކުރެވިގެން ކަމާމެދު ސުވާލު އުފެދި، މައްސަލައަށް އެކަމުގެ އަސަރުކުރާނެ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

 

އޭގެއިތުރުން މިދިޔަ ސަރުކާރުގެ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބެލީ، އޭގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި، ނިންމާފައި ވަނިކޮށް ކަމަށްވާއިރު، ހަމަ އެ މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށްވެސް ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މައްސަލައިގެ ތަހުގީގުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަހަށް ބަލާފައިވާއިރު، އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރި މީހެއް ކަމަށްވާއިރު، އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށްވެސް އެ ނިންމުމުގައި ވެއެވެ. ގާޒީ ވިދާޅުވެފައި ވަނީ އެކަންތައްތަކަށް ބައްލަވައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.

އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއި ކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށެވެ. މީގެއިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުންވެސް އޮންނާނެ ކަމަށް ޕީޖީން ކުރިން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ޖިހާދު އަމަލު ކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *