ހަސީނާގެ ރާގު ބަދަލު ވެއްޖެ، އިސްތިއުފާއެއް ނުދެން، އަދިވެސް ބޮޑުވަޒީރު، އިންތިޚާބެއް ބާއްވައިފިއްޔާ ވާދަވެސް ކުރާނަން!

ހަސީނާގެ ރާގު ބަދަލު ވެއްޖެ، އިސްތިއުފާއެއް ނުދެން، އަދިވެސް ބޮޑުވަޒީރު، އިންތިޚާބެއް ބާއްވައިފިއްޔާ ވާދަވެސް ކުރާނަން!

ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވި ޝައިޚް ހަސީނާގެ ރާގު މިހާރު މުޅިން ބަދަލު ކުރައްވައިފިއެވެ.

ހަސީނާ ބޮޑުވަޒީރު ކަމުގައި ހުންނެވިއިރު، ބޮޑުވަޒީރުގެ ތަރުޖަމާން އަދި ދޮށީ ފިރިހެން ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ މަންމަގެ ފަރާތުން މީގެކުރިން ދެއްކެވި ހުރިހާ ވާހަކައެއް މިހާރު ވަނީ ބަދަލު ކުރައްވާފައެވެ. މަންމައާ ހަވާލާ ދެއްވައި އޭނާ މިހާރު ވިދާޅު ވަނީ މަންމާފުޅު ބޮޑުވަޒީރު ކަމުން އިސްތިއުފާވެސް ނުދެއްވާ ކަމަށެވެ. އަދިވެސް އޭނާގެ މަންމައަކީ ގައުމުގެ ބޮޑުވަޒީރު ކަމަށް އޭނާ ވިދާޅުވިއެވެ.

މަންމާފުޅުގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބަންގުލަދޭޝްގައި އިންތިޚާބެއް ބާއްވައިފިނަމަ، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ޝައިޚް ހަސީނާ ވާދަ ކުރައްވާނެ ކަމަށެވެ.

ސަޖީބު ވިދާޅުވި ގޮތުގައި މަންމަ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ވަގުތު މަންމައަށް ލިބިވަޑައި ނުގަތް ކަމަށެވެ. އެގޮތުން ގައުމުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިސްތިއުފާ ދެއްވަން މަންމަ ވިސްނެވި ކަމަށް ވިދާޅުވިއެވެ. އެކަމަކު އިސްތިއުފާގެ ލިޔުން ތައްޔާރު ކުރުމުގެ ކުރިން މުޒާހަރާ ކުރި މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަޖީބު ވިދާޅުވީ މިވަގުތު އިންޑިޔާގައި ހުންނަވައި އިނގިރޭސިންގެ ޙިމާޔަތް ހޯއްދަވަން މަންމާފުޅު އުޅުއްވާ ކަމަށް އަޑު ފެތުރިފައި ވިޔަސް، އޭނާގެ މަންމަ އެއްވެސް ގައުމަކުން ހިމާޔަތް ނުހޯއްދަވާނެ ކަމަށެެވެ. އުޅުއްވާނީ އަމިއްލަފުޅު ގައުމުގައި ކަމަށެވެ. އަދި އިންތިޚާބެއް އިއުލާން ކޮށްފިނަމަ، އިއުލާނު ކުރުމާއެކު ބަންގުލަދޭޝްއަށް މަންމަ އެނބުރި ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގުލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ގާނޫނު ހަދާ މަޖިލީސް އުވާލެއްވި ނަމަވެސް، ހަސީނާ އަކީ އަދިވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ސަޖީބު ވިދާޅުވިއެވެ. މަންމައަކީ ގާނޫނީ ހަމަ ތަކުގެ މަތިން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަން ކޯޓުގައިވެސް ސާބިތު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ކޯޓުން މަންމަ ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފި ނަމަ، އެކަން ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ހާލަތުގައި މަންމާފުޅު ނިސްބަތްވާ ސިޔާސީ ޕާޓީ، އައްވާމީ ލީގު އޮންނާނީ އިދިކޮޅުގައި ކަމަށްވެސް ވިދާޅުވިއެވެ.

ސަޖީބު މިހާރު މިހެން ވިދާޅުވި ނަމަވެސް، މީގެކުރިން އޭނާ ވިދާޅުވީ މަންމާފުޅު ދެން ބަންގުލަދޭޝްގެ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައި ނުގަންނާނެ ކަމަށެވެ. އަދި މަންމަ ހުރީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައި ކަމަށެވެ. ދަރިކަލުން ސިފަ ކުރި ގޮތުގައި މަންމައަކީ ބަންގްލަދޭޝްގައި އުފެދުނު "ދަނގަނޑު އަންހެނާ" އެވެ.

ޝައިޚް ހަސީނާ މިހާރު ހުންނެވީ އިންޑިޔާގައި، އަސްކަރީ ހިމާޔަތުގައެވެ. ޚަބަރުތައް ބުނާ ގޮތުން ހަސީނާގެ ވިސްނުމަކީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވުމެވެ.

ބަންގުލަދޭޝްގެ ސަރުކާރު މިހާރު ހިންގަނީ 17 މެމްބަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމެޓީ އަކުންނެވެ. މި ކޮމެޓީގެ ވެރިއަކީ ރައިސް އައްޔަން ކުރައްވާފައި ހުންނަވާ މުޝީރު، މުހައްމަދު ޔޫނުސްއެވެ

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *