ބަންގްލަދޭޝްގެ އިންތިގާލީ ވެރިޔަކަށް ޔޫނުސް ހުވާ ކުރައްވައިފި

ބަންގްލަދޭޝްގެ އިންތިގާލީ ވެރިޔަކަށް ޔޫނުސް ހުވާ ކުރައްވައިފި

ބަންގްލަދޭޝްގައި 17 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލައި، މުހައްމަދު ޔޫނުސް ވަގުތީ ސަރުކާރުގެ ވެރިޔާ ކަމުގެ ހުވައި ކުރައްވައިފިއެވެ.

މުހައްމަދު ޔޫނުސް، 84، ގެ ސަރުކާރު ހުވާ ކުރުން އޮތީ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު ބަންގަބަބަންގައެވެ.

އިންތިގާލީ ސަރުކާރުގެ ވެރިޔާ ކަމަށް ޔޫނުސް އައްޔަން ކުރެއްވުމުން އޭނާ ހުންނަވާނީ ދައުލަތް ހިންގުމަށް ލަފާދެއްވާ ޚާއްސަ މުޝީރެއްގެ ގޮތުގައެވެ. އޭނާއަށް ބޮޑުވަޒީރުގެ ދައުރު އަދައެއް ނުކުރެއްވޭނެއެވެ. ނަމަވެސް ދައުލަތް ހިންގުމަށް ބޮޑުވަޒީރަކަށް އޮންނަ ގިނަ ބާރުތަކެއް، އިޚުތިޔާރު ތަކެއް ވަގުތީ ގޮތުން އޮންނާނެއެވެ.

ބަންގުލަދޭޝްގައި އާންމު އިންތިޚާބެއް އޮންނާނެ ދުވަހެއް އަދި ކަނޑައެއް ނާޅައެވެ. ނަމަވެސް، ގާނޫނުގައި އޮންނަ ގޮތަށް، ރައްޔިތުން ހޮވާ ވެރިޔަކު ނެތް ހިނދެއްގައި އަމަލުކުރާ އުސޫލުން ތިން މަސް ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް އިދިކިޅުން ބުނެއެވެ.

ޔޫނުސް ވެރިކަމާ ހަވާލުވެވަޑައިގަތީ، ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާދެއްވައި ފިއްލެވުމާ ގުޅިގެންނެވެ. ވަގުތީ ސަރުކާރެއް އެކުލަވާލެވެންދެން ހިނގައި ދިޔަ ދެތިން ދުވަހެއްގައި ވެރިކަމުގެ ޒިންމާ އުފުލީ އަސްކަރިއްޔާއިންނެވެ.

ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލުން އަވަސް ކުރުމަށް މަޝްވަރާ ދެއްވާފައެވެ.

ޝައިޚް ހަސީނާ އިސްއިތުފާދެއްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ، ސިވިލް ސާވިސް ވަޒީފާދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް މޮޅު ގޮތް ހަދައި، ތަފާތުކުރުން އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ދަރިވަރުން ކުރަން ފެށި މުޒާހަރާތައް ރިޔާސީ ގަނޑުވަރަށް ފޯރުމުންނެވެ.

ދަރިވަރުން ހިންގި ހަމަނުޖެހުން ތަކުގައި އަމަން ބަލަހައްޓާ އޮފިސަރުންނާއި އާމުންނާ ދެމެދު ހަމަލާތައް ބަދަލު ކުރެވި ކުށެއް ނެތް އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *