އިންޑިޔާގެ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއު ތަކުގެ ފައިދާ ދެ ދުވަހެއްގެ ތެރޭގައި ކުރަން ފަށާނެ: ޖައިޝަންކަރު

އިންޑިޔާގެ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއު ތަކުގެ ފައިދާ ދެ ދުވަހެއްގެ ތެރޭގައި ކުރަން ފަށާނެ: ޖައިޝަންކަރު

އިންޑިޔާގެ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއު ތަކުގެ ފައިދާ ދެ ދުވަހެއްގެ ތެރޭގައި ކުރަން ފަށާނެ ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު ވަނީ ރަސްމީ ދަތުރެއްގައި އިއްޔެ ހަވީރު ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބޭއްވި މީޑިޔާ ބްރީފިންއެއްގައި ޖައިޝަންކަރު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ، މިއީ ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ރަނގަޅަށް ބަލައިލަން ލިބޭނެ ފުރުސަ ތަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

"އަދި ކުރިއަށް އޮތް އަހަރު ތަކުގައި ދެ ގައުމުގެ މި ގާތް ގުޅުން ބައްޓަން ކުރާނެ ގޮތުގެ މައްޗަށްވެސް މަޝްވަރާ ކުރެވޭނެ،" ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ޖައިޝަންކަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަ ކުރުމަށްޓަކައި އަދި އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިޔާ އިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުގެ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ" އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ އިންޑިޔާއިން އިސްކަންދެނީ އެކި ދާއިރާ ތަކުން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެއަށް އިތުރަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *