އިންޑިޔާގެ އެހީގައި ކުރިއަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފާހަގަ ކޮށްފި

އިންޑިޔާގެ އެހީގައި ކުރިއަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފާހަގަ ކޮށްފި

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަ މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި އެވެ.

އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.
އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރީ ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ އެ 6 މަޝްރޫއަކީ:

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓާ
ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު

ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނެވީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އިންޑިއާގެ ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް އޭނާ ބައްލަވައިލައްވާނެ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީއަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރު ނިންމަވާލެއްވުމަށްފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *