ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާދެއްވައި މިހާރު ހުންނެވީ އިންޑިޔާގައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ލިބިވަޑައިގަންނަވަންދެން އިންޑިޔާގައި އޭނާ މަޑު ކުރައްވާނެއެވެ. އިނގިރޭސި ސަރުކާރުން ވަކި ގޮތެއް ނިންމަންދެން ޝައިޚް ހަސީނާގެ ހުރިހާ ކަމެއް އިންޑިޔާއިން ބަލަހައްޓައި ދޭނެއެވެ. އަދި އިނިގޭސިވިލާތުން ހިމާޔަތް ހޯދުމަށް އިންޑިޔާ ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށްވެސް ބޭރުގެ ބަޔެއް ރިޕޯޓު ތަކުގައި ވެއެވެ.
ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ ގޮތް ހުސްވެ ވަޑައިގަތުމުން ހަސީނާ އިންޑިޔާގެ އެހީއަށް އެދިވަޑައިގަތް ކަމަށް ބުނެއެވެ. އިންޑިޔާއަށް ވަޑައިގަތުމުން ހަސީނާއަށް މަރުހަބާ ދެންނެވީ އިންޑިޔާގެ ގައުމީ ސަލާމަތާބެހޭ މުޝީރު އަޖީދު ދޮވާލްއެވެ.
ހަސީނާގެ ސަލާމަތާއި ރައްކާތެރިކަން އިންޑިޔާގެ ވައިގެ ސިފައިންނާއި ސެކިއުރިޓީ އެޖެންސީ ތަކުން ބަހަލައްޓާނެ ކަމަށްވެއެވެ.
ހަސީނާ ދެކެ އަންނަ ރުޅީގައި އިންޑިޔާގައި ދިރިއުޅޭ ބަންގުލަދޭޝް ރައްޔިތުން ހަމަނުޖެހުން ހިންގަފާނެ ކަމަށް ބަލައި ނިއުދިއްލީގައި ހުންނަ ބަންގުލަދޭޝްގެ އެމްބަސީގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަނަށް މަސައްކަތްކޮށްދޭ ހަސީނާގެ އަންހެން ދަރިކަލުން ސައިމަ ވަޒީދުގެ ރައްކާތެރިކަމާ މެދުވެސް އިންޑިޔާއިން ވިސްނާނެ ކަމަށް ވެއެވެ. އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އުޅުއްވަނީ ނިއުދިއްލީގައެވެ.
ބަންގްލަދޭޝްގެ ހަމަނުޖެހުން ތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މަގު ތަކުގައި ހަމަނުޖެހުން އުފައްދައި މުޒާހަރަކާ ކުރި މީހުން ގަސްދުގައި މީހުން މެރި މައްސަލަ ތަކެއްވެސް މިހާރު އޮތީ ތަހުގީގުގައެވެ.
ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސް ނޭހުމަކުންނެވެ. ހަމަނުޖެހުން ތަކުގެ ރާގު ފަހުން ބަދަލުކޮށް ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާއަށް ގޮވަން ފެށިއެވެ.
ސަރުކާރުން ތުހުމަތު ކުރި ގޮތުން ހަމަނުޖެހުން ތަކުގެ ފަހަތުގައި ތިބީ ސިޔާސީ ތަފާތު ފިކުރުގެ މީހުންނެވެ. އެ މީހުންގެ ބޭނުމަކަށް ވެފައި އޮތީ ހަސީނާ މަގާމުން ދުރުކޮށް އާ ސަރުކާރެއް އެކުލަވާލުމެވެ.